އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބާންލީ ބައްދަލުކުރި މެޗު އެއްވަރުވެ ލީގުގެ ތިންވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފިއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ޓޭބަލްގެ 15 ވަނައިގައި އޮތް ބާންލީ އާ ވާދަކޮށް ޗެލްސީ އިން ކުޅުނު މެޗް އެއްވަރުވީ 2-2 އިންނެވެ.
ރޭގެ މިނަތީޖާއާއި އެކު ހަތަރު ވަނައިގައި35 މެޗުން 67 ޕޮއިންޓް އާއި އެކު ޗެލްސީ އޮތްއިރު ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 34 މެޗުން ވަނީ 67 ޕޮއިންޓް ލިބިފައިވައެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 34 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އަނެއް ތިން ޓީމު ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމުން ރޭގެ މެޗަށް ޗެލްސީން ނުކުތީ އޭގެ ފައިދާ ނަގައި ލީގުގެ ތިން ވަނަ އަށް ޖެހިލުމުގެ އަމާޒުގަ އެވެ.ޕްރިމިއަ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ލީގުގެ ގަދަ 4 ޓީމްގެ ތެރޭގައި ހިމެނިގެންނެވެ.
ވަރުގަދަ ކުޅުމެއް ދެ ޓީމްގެ ފަރާތުން ފުރަތަމަ ހާފްގައި ފެނުނު މިމެޗުގެ ފުރަތަމަ 25 މިނެޓްގައި 4 ލަނޑު ފެނިގެން ގޮސްފައިވާއިރު މެޗު ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ބާންލީއިންނެވެ.މި ލަނޑު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ބާންލީ އަށް ކާމިޔާބުކޮށްދީފައިވަނީ ޖެޑް ހެންޑްރިކް އެވެ. މި ލަނޑާއި އެކު ޗެލްސީއިން ކުޅުން އިތުރަށް ވަރުގަދަ ކޮށް މެޗުގެ 12 ވަނަ މިނިޓްގައި އެންގޯލޯ ކާންޓޭގެ ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އޭގެ ދެ މިނިޓް ފަހުން ގޮންޒާލޯ ހިގުއައިން ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ.
މެޗުގައި މިސީޒަންގައި ޗެލްސީއާއި ގުޅުނު ފޯވާޑް ހިގުއައިން އެ ޓީމްއަށް ލީޑު ނަގައި ދިން ނަމަވެސް އޭގެ 10 މިނިޓް ފަހުން އެޝްލީ ބާންސް ވަނީ ބާންލީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ރޭގެ މެޗްގައި ޗެލްސީ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު ރޭގެ މެޗްގައި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން އޮޑޯއި އަށާއި މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފައެވެ.
ރޭގެ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޗެލްސީގެ ކޯޗު ސާރީ ވަނީ ބާންލީގެ ކުޅުންތެރިން މެޗު ލަސްކުރާތީ އެކަމުގެ ޝަކުވާކުރުމުގެ އިތުރުން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ބެންޗުންފޮނުވާލާފައެވެ.