English Edition
Dhivehi Edition
ޗެލްސީއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކަރީމް ބެންޒެމާ ވައްދާލި ލަނޑާއެކު ޗެލްސީ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭގެ މެޗަށް ރެއާލް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ނުކުޅެވުމެވެ. މީގެއިތުރުން، އެ ޓީމުގެ ފްރާންސް ފުލްބެކް ފޭލަން މެންޑީ އާއި ލޫކަސް ވަޒްކޭޒް ވެސް އަނިޔާގައި ހުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އަށް ވެސް ރޭގެ މެޗު ވަނީ ގެއްލިފައެވެ. ޗެލްސީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ މާބޮޑު މައްސަލައެއް ނެތެވެ. އެ ޓީމުގައި މިވަގުތު އަނިޔާގައި ހުރީ ކްރޮއޭޝިއާގެ ޑިފެންސިވް މިޑްފީލްޑަރު މަޓެއޯ ކޮވެސިޗް އެވެ.

ރެއާލްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯ ގައި ރޭ ކުޅުނު މި މެޗު ފެށިގެން ޗެލްސީން ކޮންޓްރޯލް އަތުލާފައިވާއިރު ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 14 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑްނަގައިދިނީ އެމެރިކާގެ ވިންގާ ކްރިސްޓިއަން ޕުލިސިޗް އެވެ. މިއީ އެ ޓީމުގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ދިން ރީތި ޕާހަކުން ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ޕުލިސިޗް ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީން މި ލަނޑުޖެހުމުގެ ކުރީން އެ ޓީމުގެ ޖަރުމަން ފޯވާޑް ޓިމޯ ވާނާ އަށް ގޯލް ކުރިމަތިން ހުސްކޮށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ފައިން މަތަކޮށްފައެވެ. ޗެލްސީން ލީޑްނަގާފައިވަނިކޮށް ރެއާލަށް އެއްވަރުކުރުމަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ޕެނަލްޓީއޭރިޔާބޭރުން ބެންޒެމާ ފޮނުވާލި ދިޔައީ ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައެވެ.

މި މެޗުގައި ރެއާލުން އެއްވަރުކުރި ލަނޑު، މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ ބޮލުން ޖައްސާލި ޕާހެއް ބެންޒެމާ ބޮލުން ކޮންޓްރޯލް ކޮށްލުމަށްފަހު ޕެނަލްޓީއޭރިޔާތެރެއިން އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ރެއާލަށް އެންމެ ފަހުން ކުޅުނު 14 މެޗުގައި ބެންޒެމާ ޖެހި 13 ވަނަ ގޯލެވެ. މީގެއިތުރުން، އޭނާ ވަނީ ރެއާލްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު 17 މެޗުގައި 16 ލަނޑުޖަހާފައެވެ.

ރޭގެ މެޗުގައި ޗެލްސީގެ އެންގޯލޯ ކާންޓޭ (ކ) އަތުން ބޯޅަ ހޯދަން ރެއާލް މެޑްރިޑްގެ ޓޯނީ ކްރޫސް މަސައްކަތްކުރަނީ. –ފޮޓޯ: ޔުއެފާ.ކޮމް

ރެއާލްގެ ލަނޑަށްފަހު ޗެލްސީން ދެވަނަ ފަހަރަށް ލީޑްނެގުމަށް ތިއާގޯ ސިލްވާ އާއި ވާނާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާބޭރުން ސިލްވާ ފޮނުވާލި ބޯޅަ ރެއާލްގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ބޭރަށްދިޔައިރު ޕެނަލްޓީއޭރިޔާތެރެއިން ވާނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

ދެވަނަ ހާފަށް ނިކުމެ ދެ ޓީމުގެ ކޯޗުން ގެނައި ބަދަލުތަކާއެކު މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. އެގޮތުން، މި ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްވެސް ތަނަވަސްކުރެވިފައެއްނުވެއެވެ.

މި މެޗުގައި ޖެހި ގޯލާއެކު ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި އޮތް ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލެޒްގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ޗެމްޕިއަންސް ލީގުގައި ޖަހާފައިވަނީ 71 ލަނޑެވެ.

މި މުބާރާތުގައި މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް ފްރާންސްގެ ޕީއެސްޖީ ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.