ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ އާއި މޮނާކޯ ބައްދަލުކުރި މެޗުގައި ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ ކާމިޔާބުކުރި ހެޓްރިކުން ޕީއެސްޖީ ލީގު ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ހޯދައިފިއެވެ.
ޕީއެސްޖީ އަށް ލީގު ކަށަވަރުވި މިމެޗު ޕީއެސްޖީ އިން ކާމިޔާބުކުރީ 1-3 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގެ މި ނަތީޖާއާއި އެކު ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ރޭ މޮނާކޯ އާއި ޕީއެސްޖީ ކުޅުނު މެޗުގެ ކުރިން އޮތް ލިލް އާއި ތުލޫސް ބައްދަލުކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
ރޭގެ މިނަތީޖާ އާއި އެކު ޕީއެސްޖީ އަށް ލީގު ކަށަވަރުވަނީ ލީގުގައި ކުޅުނު 33 މެޗަށް ބަލާއިރު ދެ ވަނައިގައި އޮތް ލިލް އާއި ދެމެދު 19 ޕޮއިންޓްގެ ފަރަގެއް އޮތުމުންނެވެ.ލީގުގެ އެއްވަނާގައި ޕީއެސްޖީ އޮތީ 33 މެޗުން 84 ޕޮއިންޓާއި އޮތްއިރު ދެވަނާގައި އޮތް ލިލް ހަމަ މިއަދަދަށް މެޗު ކުޅެގެން ލިބިފައިވަނީ 65 ޕޮއިންޓެއެވެ.
ރޭ ޕީއެސްޖީއާ މޮނާކޯ ވާދަކުރި މެޗްގައި ޖެހި ފުރަތަމަ ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީ އިންނެވެ. ފުރަތަމަ ލަނޑު އެމްބާޕޭ މެޗްގެ 15 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ މެޗްގެ 38 ވަނަ މިނެޓްގައި ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭޒް ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ތިން ވަނަ ގޯލަކީވެސް ޑެނީ އަލްވެސް ދިން ބޯޅައެއް މޮނާކޯގެ ގޯލަށް ވައްދާލައިގެން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.
2017 ވަނަ އަހަރު ފްރެންޗް ލީގު ކާމިޔާބުކުރި މޮނާކޯ އިން ރޭގެ މެޗްގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗް ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ރަޝިޔާގެ މިޑްފީލްޑަރު އެލެކްސެންދްރާ ގޮލޮވިން އެވެ.
ރޭގެ މެޗްގެ ފަހު ހާފުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ވަނީ ކުޅެފައެވެ. މިއީ 2017 ވަނަ އަހަރު ބާސެލޯނާއިން 200 މިލިއަން ޕައުންޑަށް ޕީއެސްޖީއަށް ބަދަލުވި ފޯވާޑް މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ.