English Edition
Dhivehi Edition

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ. ރޭ އެ ޕާޓީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ ޕާޓީގެ މަގާމްތަކަށް ދާއިމީ މެންބަރުން އިންތިހާބު ކުރުމަށް އަންނަ ހުކުރު ދުވަހު ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހެއް ހުށަހެޅިއްޖެ ނަމަ އެ އިސްލާހަކަށް ވޯޓަށް އެހުން ވެސް އޮންނާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީ ރަޖިސްޓްރީ ކުރާތާ ނުވަ މަސް ތެރޭގައި ގައުމީ ބައްދަލުވުމެއް ބާއްވާ މަގާމްތަކަށް ދާއިމީ މެންބަރުން އިންތިހާބު ކުރަން ޖެހެއެވެ. ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އެދިލެއްވި ވުމަށް އުފައްދާފައިވާ މި ޕާޓީ ރަޖިސްޓަރީ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 27 ހުގައެވެ. އަދި މި ޕާޓީން ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ޕާޓީގެ އިސް މަގާމްތަކަށް ވަގުތީ މެންބަރުން އިންތިހާބުކޮށްފަ އެވެ.

ރޭ ނުރުނު އެ ޕާޓީގެ އިއުލާނުގައި ބުނީ އެ ޕާޓީގެ ރައީސްގެ މަގާމަށާއި ދެ ނައިބު ރައީސުންނާއި 20 މެންބަރުންގެ މަޝްވަރާ މަޖިލީހެއް އިންތިހާބު ކުރުން އޮންނާނެ ކަަމަށެވެ. އަދި މެންބަރުންގެ ކަންތައްތައް ބަލަހައްޓަން ފަސް މެންބަރުންގެ ކޮމިޓީއަކާއި އިސްތިއުނާފް ކޮމިޓީއަށް ތިން މެންބަރުންނާއި އަދި އިންތިހާބު ކޮމިޓީއަށް ފަސް މެންބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމްތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި މާދަމާ ރޭ 6:00 ގެ ކުރިން އެ ޕާޓީއަށް ހުށަހެޅަން ޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ޕީއެންސީގެ ވަގުތީ ރައީސްއަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސުންނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަަރު އެވެ. ޕީއެންސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ޕީޕީއެމް ހަވާލު ކުރުމަށް ސުުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުނިމި ދިގުލައިގެން ދިޔުމާ ގުޅިގެން ރައީސް ޔާމީންގެ ލަފާގެ މަތިން އުފެއްދެވި ޕާޓީއެކެވެ.