English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހިފެހެއްޓުމަކީ ލިވަޕޫލްގެ ކުޅުންތެރިންނަށް ނުވާނެ ކަމެއް ނޫން ކަމަށް ލިވަޕޫލްގެ އަގުބޮޑު ޑިފެންޑަރު ނެދަލޭންޑްސްގެ ވާގިލް ވެންޑައިކް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖެހިޖެހިގެން ދެވަނަ ސީޒަންގައި ޕޯޓޯ ބަލިކޮށް ލިވަޕޫލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އިރު މިދިޔަ ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބާސެލޯނާ ސެމީފައިނަލުން ޖާގަ ހޯދީ އިނގިރޭސި ގަދަ ބާރު މެންޗެސްޓަ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅުނު ލިވަޕޫލަށް ސެމީ ފައިނަލްގައި ސްޕެނިޝް ލީގުގެ އެއް ވަނައިގައި މިވަގުތު އޮތް ބާސެލޯނާ އާ ދެކޮޅަށް ކުޅޭ އިރު ލިވަޕޫލްގެ ނެދަލޭންޑްސް ޑިފެންޑަރު ވެންޑައިކް ބުނީ ސެމީފައިނަލްގައި ލިވަޕޫލްއިން ވިސްނަން ޖެހޭ ހަމަ އެކަނި ކުޅުން ތެރިޔަކީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީއަށް ކަމަށެވެ.

ސެމީގައި ބާސެލޯނާއާ ދެކޮޅަށް ލިވަޕޫލުން ކުޅޭއިރު މެސީ ހުއްޓުވުމުގައި އެންމެ ވަރުގަދަ ރޯލެއް އަދާކުރަންޖެހޭނެ އެއް ކުޅުންތެރިއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 75 މިލިއަން ޕައުންޑަށް ސައުތްހެމްޕްޓަނުން ލިވަޕޫލަށް ބަދަލުވި ވެން ޑައިކެވެ.

“މެސީ ހުއްޓުވަން ކުރަން ޖެހޭ ކޮންމެ ކަމެއް އަހަރެންމެން ކުރާނަން. ޗެމްޕިއަންސް ލީގުގައި އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. މިއީ އަހަރެމެން އެންމެންނަށްވެސް ވަރަށް ރަނގަޅު މެޗެއް. އަހަރެމެން މިތިބީ ސެމީއަށް އާދެވުނީމަ ވަރަށް އުފަލުން.” ވެން ޑައިކް ބުންޏެވެ.

“މެސީ އަކީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއް. ފުޓްބޯޅަ ތާރީހުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އިންޑިވިޖުއަލް ކުޅުންތެރިޔާ އަށް މެސީ ވާނެ. މެސީ ހުރީ ވަރަށް ފޯމުގައި. އެކަމަކު އޭނާ ހުއްޓުވުމަކީ ނުވާނެ ކަމެކޭ ނުބުނާނަން. ލިވަޕޫލް ޓީމެއްގެ ގޮތުގައި ކުޅެފިނަމަ މިމެޗުން މޮޅުވާނެ” ވެން ޑައިކް ބުންޏެވެ.

މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލް މި ފަހަރުގެ ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ޖެހިޖެހިގެން ދެ އަހަރު އެ ޓީމުން ސެމީގައި ކުޅުނީ މީގެ 10 އަހަރު ކުރިންނެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުން އަންނަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޗެމްޕިއަންސް ލީގަކީ ވެސް އެ ޓީމުގެ އަމާޒެއް ކަމަށް ބުނެފަ އެވެ.

ސެމީ ފައިނަލްގައި ބާސެލޯނާ އާއި ލިވަޕޫލް ވާދަކުރާ ފުރަތަމަ ލެގުގެ މެޗް އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައެވެ.