English Edition
Dhivehi Edition

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެންމެ ހަ ގޮނޑި ކާމިޔާބު ކުރެއްވި ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސްކަމުގައި ހުންނަވަން ޖެހޭނީ އެ ޕާޓީގެ ލީޑަރު އަދި މިހާރުވެސް މަޖިލީހުގެ ރައީސްކަން ކުރަށްވަމުން ގެންދަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ މެމްބަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެވެ.

ރިޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަން ލިބޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. ނަމަވެސް އެ މަގާމް ހޯދަން މިހާރު ޖުމްހޫރީ ޕާޓީން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ފަސްބޭފުޅަކު ވަނީ މިހާރުވެސް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރިޔާޒް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި މަޖިލިސް ރައީސްއަކަށް ހުންނަވާނީ ޖޭޕީގެ މެންބަރެއް ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމާ ގުޅިގެން ދެން އެ އެއްބަސްވުމަށް ވާނީ ކިހިނެތްތޯ ސުވާލު އުފެދިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީ ކަމަށާއި އެ ޕާޓީއަށް އެހާ ގިނަ ސީޓު ކާމިޔާބުވެފައި އޮތުމާއި މިހާރު ވެސް އެ ޕާޓީގެ ކެންޑިޑޭޓުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމަވާފައި ވަނިކޮށް ޖޭޕީ އިން ވެސް ނުވަތަ އެހެން ޕާޓީއަކުން ވެސް އިތުރަށް އެ މަގާމް ހޯދުމުގެ ބޭނުމެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ޖޭޕީ އިން މަޖިލިސް ރައީސް ކަމަށް ކުރިމަތިލުމަށް ޕާޓީގެ ތެރޭގައި މަޝްވަރާވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ފަސް މީހަކަށް މަޖިލީހުގެ މެޖޯރިޓީ ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ 65 ދާއިރާއެއްގެ ގޮނޑި ހޯދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. އަދި ޖުމްހޫރީ ޕާޓީއަށް ލިބިފައިފައިވަނީ މި އިންތިހާބުގައި 6 ގޮނޑި އެވެ.