English Edition
Dhivehi Edition

މީހެއްގެ ބޮލުގައި ކަމެއް އަޅުވަން އުޅޭ ބަޔަކު ކޮންމެ ފަަދަ އެއްޗެވެސް ކިޔާފާނެކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދިން އިންޓަވިއެއްގައި އޭނެގެ ދަރިފުޅަށް ގަނެދީފައިވާ ކާރާއި އޭނާއަށް ހަދިޔާއަކަށް ލިބިފައިވާ ރޮލެކްސް ގަޑި އާއި ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ނެވެ.

ނިހާންގެ ދަރިފުޅުގެ 18 ވަނަ އުފަންދުވަހު ހަދިޔާއަކަށް ގަނެދީފައިވާ ކާރާއި ގުޅިގެން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ އޭނާ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރުގެތެރޭ މުސާރައިގެ ގޮތުގައި 9.3 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދަރިފުޅަށް ގަނެދީފައިވާ ކާރަކީ ޖަޕާނުގެ ރިކޮންޑިޝަން މާކެޓުން ރާއްޖެ އަށް ގެނައި ކާރެއްކަމަށާއި އެއީ ޖަރުމަނުގެ އޮޓޯ މާރުކޭޓަކުން ގަނެފައިވާ ބްރޭންްޑް ނިއު ކާރެއް ނޫންކަމަށެވެ.

މީގެ އިތުރުން ނިހާން ވަނީ އެމްއެމްޕީއާރްސީގެ ފައިސާއިން އަހްމަދު އަދީބް ނިހާން އަށް ރޮލެކްސް ގަޑިއެއް ގަނެދެއްވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. ނިހާންވަނީ ރޮލެކްސް ގަޑިދިނީ އަހުމަދު އަދީބު ނޫން ކަމަށް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަން ކެރޭނެކަމަށާއި ލިބިވަޑައިގެންނެވި ރޮލެކްސް ގަޑި އަކީ އަދީބުއާ އެއްވެސް ހައިސިއްޔަތަކުން ވެސް އަދި އެއްވެސް މޭރުމަކުން ގުޅުމެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ނިހާން ވިދާޅުވީ ރޮލެކްސް ގަޑި ހަދިޔާ ކުރި ދުވަހު އޭގެ ހައްގުވެރި ފަރާތެއްގެ ގޮތުގައި ހުރި ފަރާތާއި އެ ފޮޓޯ އާއި އެ މަންޒަރު ރަނގަޅަށް އަމިއްލަ އަށް ހާމަކޮށް ނޫސްތަކާ ހަމައަށް ވެސް އެ ވާހަކަ ގެނައި ކަމަށެވެ. ނިހާން ވިދާޅުވީ އެ ގަޑި އަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޔަމީންގެ އާއިލީ ބޭފުޅެއް ކަމުގައިވާ މުޙައްމަދު މަނިކު (ބިސް މަނިކު)ހަދިޔާއެއްގެ ގޮތުގައި ދެއްވި އެއްޗެއްކަމަށެވެ.