ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީން 4-3 އިން މޮޅުވި ނަމަވެސް ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެން ޓޮޓެންހަމް ހޮޓްސްޕާސް ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޓޮޓެންހަމް ޖާގައެއް ކަށަވަރު ކުރީ ދަނޑުގައި ކުޅުނު މެޗު 1-0 ލަނޑުން ކާމިޔާބުކޮށް ރޭގެ މިނަތީޖާއި އެކު ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 4-4 އިން އެއްވަރުވެ އަވޭ ގޯލްގެ ތަފާތުންނެވެ.
މި ނަތީޖާއާއި އެކު މި ސީޒަނުގައި ހަތަރު ތަށި ހޯދުމަށްއުންމީދުކޮށްގެން ތިބި ސިޓީ އަށް އެ ފުރުސަތު ގެއްލިފައިވާއިރު ލީގު ކަޕް ޗެމްޕިއަންކަން ހޯދާފައިވާ ސިޓީ އަށް މި ސީޒަނުގައި ދެން ކާމިޔާބުކުރެވެން އޮތީ އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގެވެ.
މުޅި މިސީޒަންގައި ވެސް އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ވަނީ ހަތަރު ލަނޑު ފެނިގެން ގޮސްފަ އެވެ. މިގޮތުން މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ރަހީމް ސްޓާލިން ސިޓީއަށް ލިޑް ނަގާދީފައިވާއިރު ސިޓީން ލީޑް ނެގިތާ ތިން މިނެޓް ތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ޓޮޓެންހަމްގެ އެއް ވަނަ ފޯވާޑްގެ ބަދަލުގައި އެތަން ފޫބައްދަމުންގެންދާ ހޮން މިއުންގް ސަން ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓް ފަހުން އިތުރު ލަނޑެއް ސަން ކާމިޔާބު ކޮށް ޓޮޓެންހަމް ލީޑް ނަގައިދިނެވެ.އެހެން ނަމަވެސް އޭގެ މިނިޓެއް ފަހުން ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަހަމަ ކޮށްދީފައެވެ.
މެޗުގެ 21 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ދިން ބޯޅަ އަކުން ސިޓީ އަށް ލީޑުނަަގައިދިނީ ސްޓާލިންނެވެ. ދެ ވަނަ ހާފްގައި ގިނަ އެޓޭކުތަކެއްކޮށް ސިޓީން ވަނީ މެޗުގެ 59 ވަނަ މިނިޓްގައި ސާޖިއޯ އަގުއޭރޯގެ ގޯލުން ދެ ލަނޑުގެ ލީޑެއްނަގައި ސެމީ އަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ.
ރޭގެ މެޗުގައި ގިނަ ބަޔަކު ސިޓީ ސެމީއަށް ދާނެ ކަމައަށް ނިންމައިގެން ތިބި ނަމަވެސް ޓޮޓެންހަމުން ވަނީ މެޗުގެ 73 ވަނަ މިނިޓްގައި ފެނާންޑޯ ލޮރެންޓޭގެ ގޯލުން އެއްވަރުކޮށްފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައިގެން މި ގޯލު ބަލައިގަންނަން ރެފްރީ ނިންމިއިރު، އެ ލަނޑު ޖެހީ ލޮރެންޓޭގެ އަތުން ކަމަށް ސިޓީގެ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ.
ރޭގެ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރޭގައި ސްޓާލިން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު ޖެހުމަށް ފަހު ސްޓާލިން އާއި ސިޓީގެ ބެންޗުން ވެސް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެކަމަކު މަންޒަރު އެއްކޮށް ބަދަލުވީ ވީއޭއާރްގެ އެހީގައި ބެލިބެލުމުގައި ސިޓީގެ އެ އެޓޭކް ފެށިއިރު އަގުއޭރޯ އޮފްސައިޑްގައި ހުރުމުން ރެފްރީ އެ ލަނޑު ގަބޫލުނުކުރަން ނިންމި ހިސާބުންނެވެ. އެއާ އެކު ސިޓީގެ ކުޅުންތެރިން މޫނުމަތިން މާޔޫސްކަން ފެނިގެންދިޔައިރު، ޓޮޓެންހަމުން ދިޔައީ އުފާފާޅުކުރަމުންނެވެ.
މިއީ ޓޮޓެންހަމް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި ޓޮޓެންހަމް ވާދަކުރަންޖެހޭނީ ކްއާޓަރ ފައިނަލްގައި ޔުވެންޓަސް ބަލިކޮށް ސެމީ އަށް ދަތުރުކުރި ނެދަލޭންޑްސްގެ އަޔަކްސް އާއެވެ.