ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެކު މިސީޒަންގެ ޗެމްޕިއަންސް ލީގާއި ކުރިމަތިލި އިޓަލީގެ ޔުވެންޓަސް ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި އަޔެކްސް އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ޔުވެންޓާސް އަތުން އަޔަކްސް މޮޅުވީ ފަހަތުން އަރައި 2-1 ލަނޑުންނެވެ.
މިސީޒަންގައި ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޔަކްސްއިން އެންމެ ފަހުގެ ތިން އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން ރިއަލްމެޑްރިޑްގެ އަމިއްލަ ދަނޑުގައި އެ ޓީމް ބަލިކޮށް ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައިވާއިރު އަނެއްކާވެސް އަޔެކްސްއިން މިވަނީ ރަށުން ބޭރުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ރޮނާލްޑޯ 28 ވަނަ މިނެޓުގައި ލީޑު ނަގައިދިނެވެ. އެކަމަކު އަޔަކްސްގެ ޑޮނީ ވެން ޑު ބީކް އާއި މެތިއަސް ޑި ލައިޓްގެ ގޯލްތަކާ އެކު އެ ޓީމުން ފަހަތުން އަރައި މޮޅުވީ އެވެ. ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން އަޔަކްސް އަށް ކުރި ލިބުނީ 3-2 އިންނެވެ.
ރޭގެ މި ނަތީޖާއި އެކު ޔުވެންޓަސްއަށް ވަނީ 1996 ގެ ފަހުން މުބާރަތް ކާމިޔާބުކުރުމަށް އެޓީމުން ކުރަމުންއައި މަސައްކަތުގައި އަނެއްކާވެސް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިފަ އެވެ.ރޭގެ މެޗުން މޮޅުވެ މިމުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާއަޔަކްސް ސެމީ ފައިނަލުން ޖާގަ ހޯދީ 22 އަހަރު ފަހުންނެވެ.