އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެލަނޑާއެކު ތާވަލްގެ އެންމެ ފުލުގައި އުޅޭ ކްރޮޓޯނޭ ބަލިކޮށް ޔުވެންޓަސް ތިންވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު ޔުވެންޓަސް ތިންވަނައިގައި އޮތީ ކުޅުނު 22 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނައިގައި އުޅޭ އިންޓަ މިލާނަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޭސީ މިލާނެވެ. ހަތަރުވަނައިގައި އޮތް އޭއެސް ރޯމާ އަށް 23 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުޖަހާފައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ރޮނާލްޑޯ އެވެ. މި މެޗުގައި އެ ޓީމުން ލީޑްނެގީ 38 ވަނަ މިނެޓުގައި އަލެކްސް ސެންޑްރޯ ނަގައިދިން ހުރަކުން ރޮނާލްޑޯ ބޮލުން ކާމިޔާބުކުރި ގޯލުންނެވެ.
އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސީ ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެކުރީން، އިޓަލީގެ ވިންގާ ފެޑެރީކޯ ކިއޭސާ ނަގައިދިން ރީތި ހުރަހަކުން ރަމްސީ ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ.
ޔުވެންޓަސް އިން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމެރިކާގެ އަރަމުން އަންނަ މިޑްފީލްޑަރު ވެސްޓަން މެކެނީ އެވެ. މިއީ ޔުވެންޓަސް އަށް ލީގުގައި ކުޅުނު 19 މެޗުގައި މެކެނީ ޖެހި ހަތަރުވަނަ ލަނޑެވެ.
ލީގުގައި ޔުވެންޓަސް އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ތާވަލްގެ ނުވަވަނައިގައި އޮތް ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކުރިއަށް އޮތް ހަފްތާގައި ލީގުގައި ކުޅެވޭ އެންމެ ވަރުގަދަ މެޗުގައި ރޯމާގެ ދަނޑުގައި މިލާނާ ދެކޮޅަށް ނިކުންނައިރު، އިންޓަ އަށް އޮތީ އަމިއްލަ ދަނޑުގައި ޖެނޯއާއާ ބައްދަލުކުރާ މެޗެވެ.