English Edition
Dhivehi Edition
ޕޯޓޯއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން 3-2 އިން ޔުވެންޓަސް މޮޅުވިނަމަވެސް، 4-4 ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވެ ރަށުން ބޭރުގައި ޖެހިގޯލުން ޕޯޓޯ އިން ކުރިހޯދުމުން ޔުވެންޓަސް އެ މުބާރާތުން ކަޓައިފިއެވެ.

މިއީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ޔުވެންޓަސް އަށް އެ މުބާރާތުގެ ދެވަނަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ވިދިވިދިގެން ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން ބަލިވިއިރު، އޭގެކުރީ އަހަރުގެ މުބާރާތުން އެ ޓީމު ބަލިވީ ކުއާޓާ ފައިނަލްގައި ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް އަތުންނެވެ.

މީގެއިތުރުން، މިއީ ވޭތުވެދިޔަ 17 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ފުރަތަމަ ލެގުން މޮޅުވުމަށް ފަހު ދެވަނަ ލެގުގައި ނަތީޖާއެއް ނެރެގެން ޕޯޓޯ އިން ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޕޯޓޯ އެންމެ ފަހުން ނޮކައުޓް ބުރު މޮޅަކުން ފަށައިގެން ކުއާޓާ ފައިނަލުގައި ކުޅުނީ 2004 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ޗެމްޕިއަންކަން ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗަށް ނިކުތްއިރު ޔުވެންޓަސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އަށް ރޭގެ މެޗުގައި ނުކުޅެވުމެވެ. މީގެއިތުރުން، އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރޭގެ މެޗު ވަނީ ގެއްލިފައެވެ.

ރޭގެ މެޗުގައި ޕޯޓޯގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. –ފޮޓޯ: ޔުއެފާ.ކޮމް

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް ޕޯޓޯ އިންނެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ އިރާން ފޯވާޑް މަހުދީ ތަރޭމީ އަށް ޔުވެންޓަސްގެ ޑިފެންޑަރު މެރީހް ޑެމިރާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ސާޖިއޯ އޮލިވޭރާ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، މެޗުގެ ކުރީކޮޅު ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު ޕޯޓޯގެ ފޯވާޑް ތަރޭމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، މޮރާޓާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޕޯޓޯގެ ކީޕަރު އަގަސްޓީން މާޗެސިން އެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ރޮނާލްޑޯ ދިން ބޯޅައަކުން އިޓަލީގެ ވިންގާ ފެޑެރީކޯ ޗިއޭސާ ވަނީ ގޯލެއް ޖަހައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 54 ވަނަ މިނެޓުގައި ތަރޭމީ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމުން ޕޯޓޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 63 ވަނަ މިނެޓުގައި ކޮލަމްބިއާގެ ހުއާން ކުއަޑްރާޑޯ ތަނަވަސްކުރި ފުރުޞަތަކުން ޗިއޭސާ ވަނީ އިތުރު ގޯލެއްޖަހައި ޔުވެންޓަސް އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.

އޭގެފަހުން، މެޗުގެ 78 ވަނަ މިނެޓުގައި ކުއަޑްރާޑޯ ނަގައިދިން ރީތި ހުރަހަކުން ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު އޭގެ ހަތަރު މިނެޓުފަހުން، ޗިއޭސާ ފޮނުވާލި ބޯޅަ ޕޯޓޯގެ ކީޕަރު މާޗެސިން މަތަކުރިއެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ކުއަޑްރާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 3-3 ގެ އެގްރިގޭޓުން އެއްވަރުވުމުން ނަތީޖާ ނެރެން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް އިތުރު ގޯލެއް ނުޖެހިއެވެ. އެކަމަކު އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ޕޯޓޯއިން ކާމިޔާބުކުރި ގޯލާއެކު ޔުވެންޓަސް އަށް ވަނީ އިތުރު މައްސަލަތައް ކުރިމަތިވެފައެވެ. ހިލޭޖެހުމަކުން އޮލިވޭރާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޑިފެންސިވް ފާރުގައި ހުރި ރޮނާލްޑޯގެ ފައި ދަށުން ގޮސް ޔުވެންޓަސްގެ ކީޕަރު ވޮޝިއެކް ޝެޒްނީ އަތުގައި ޖެހިފައެވެ. އޭގެ ދެ މިނެޓުފަހުން، ފްރާންސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ބޮލުން ވައްދާލި ލަނޑާއެކު ޔުވެންޓަސް އަލުން ލީޑްނެގިނަމަވެސް، އަނެއް ބުރުން ޖާގަ ހޯދުމަށްޓަކައި އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވިއެވެ.