English Edition
Dhivehi Edition

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ބޭއްވި “ހަވާސް” ސުވާލު މުބާރާތް 2019 ގެ އެއްވަނަ ސ.ފޭދޫ ވެށި މަރިޔަމް ލިއުޒާ ހޯދައިފިއެވެ.

20 މާޗް 2019 އިން 03 އެޕްރީލް 2019 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތަކީ ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ދިމާކޮށް، ގާނޫނު އަސާސީއަށް ރައްޔިތުން އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ މަގްޞަދުގައި ބޭއްވި މުބާރާތެކެވެ. އަދި މި މުބާރާތުގެ ތެރެއިން ދިވެހިރާއްޖޭގެ ތާރީޚާއިބެހޭ މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށް ޑަބުލިޔުޑީސީގެ ރައީސާ ނަދާ ވިދާޅުވިއެވެ.

މި މުބާރާތުގެ ވަނަތަކަށް ދީފައިވަނީ ފައިސާގެ އިނާމެވެ. މުބާރާތުގެ އެއްވަނަ ލިއުޒާ ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ އާމިނަތު އަފާއު އަދި ތިންވަނަ ހޯދާފައިވަނީ ފާތުމަތު ސަހާއު އެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ދުވަހަކު ހެނދުނު، ފޭސްބުކް ޕޭޖުގައި ސުވާލެއް ޕޯސްޓުކުރެވިގެންކަމަށާއި ޖަވާބު ދިނުމުގެ ސުންގަޑިޔަކަށް އޮތީ އެދުވަހެއްގެ ރޭގަނޑު 23.59 ކަމަށް ނަދާ ވިދާޅުވިއެވެ. އަދި ސުވާލުތަކުގެ ޖަވާބު ފޮނުވާފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެންނެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދީފައިވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ހަވީރު މަރަދޫ ޕާކުގައި ބޭއްވި “ދިޔަގެ ހަވި” ފެސްޓިވަލްގައެވެ.