ލިޔުނީ: އަލްމާ އަލީ
އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން އަންނަ މަހުގެ 1 ވަނަ ދުވަހު ފޭދޫ ވޮލީކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޮލީ މުބާރާތް ފަސްކޮށްފިއެވެ. އައްޑޫ ސިޓީގެ އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިމުބާރާތުގެ އިންތިޒާމްކޮމަޓީގެ ފަރާތުން މަރަދޫ މެމްބަރު ޝަފްޤާ ޝަފީޤު ވިދާޅުވި ގޮތުގައި މިމުބާރާތް ފަސްކުރެވިފައިވަނީ 25 އެޕްރީލް 2019 އަށެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ޝަފްޤާ ވިދާޅުވީ މިމުބާރާތް ފަސްކުރަން ޖެހުނު ސަބަބަކީ މި މުބާރާތުގައި އަމަލީ ގޮތުން އެހީތެރި ވުމަށް އެއްބަސްވެފައިވާ ގިނަ ފަރާތްތަކުން އިންތިހާބާއި ދިމާކޮށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާތީއެވެ. އަދި ރައްޔަތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ބޭރުން ގެންނަ ކުޅުންތެރިންނަށާއި މުބާރާތުގެ ރެފްރީން ގެނައުމުގައިވެސް ދަތިތަކާއި ކުރިމަތިވާނެތީ މުބާރަތް ފަސްކުރަން ނިންމާފައިވާކަމަށް ޝަފްޤާ ވިދާޅުވިއެވެ
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ “ގައުމީ މުބާރާތް ތަކުގައި އައްޑޫ ތަމްސީލުކުރާނެ މޮޅު ވޮލީ ކުޅުންތެރިން އުފައްދައި އައްޑޫގައި އަންހެނުންގެ ވޮލީބޯޅަ އިތުރަށް ދިރުވާ އާލާކުރުން” ކަމުގައި ޑަބްލިޔު ޑީސީން ބުނެއެވެ.
މިއީ އައްޑޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެމުބާރާތުގެ ޗެންފިއަން ޓީމަކީ މީދޫ ޓީމެވެ.