ލިޔުނީ އަލްމާ އަލީ/
އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކޮށްފިއެވެ. އިއްޔެ މެންދުރު 2.30 ގައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ބޭެއްވި މި ބައްދަލު ވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ދިމާވެފައިވާ ދަތި ތަކާއި ބެހޭ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ކޮމެޓީގެ މެމްބަރަކު ވިދާޅުވީ އައްޑޫ ސިޓީގެ އިޖުތިމާއީ އިގްތިސާދީ އަދި ސިއްހީ ދާއިރާގެ ކަންކަން މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެނެސް ދޭނެ ވާހަކަ ރައީސް ޖުމްހޫރިއްޔާ މެމްބަރުންނަށް ދެންނެވި ކަމަށެވެ. އަދި ހާއްސަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިތުރަށް ބާރުކުރެވިގެންދާނެ ވާހަކައާއި ދަތި ހުރިހާ ކަމަކަށް ހައްލެއް ގެނެސްދޭނެ ވާހަކަ މަޝްވަރާ ކުރިކަމަށެވެ. އަދި މި ކޮމެޓީގެ މެމްބަރުންނަށް އުޖޫރައެއް ދިނުމަށް އެލްޖީއޭ ގެ ގަވާއިދުތައް ހެދިގެން އަންނައިރު މެމްބަރުންނަށް މުސާރަ ކަނޑައެޅިގެން ދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.
އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ގެ މި ދަތުރުގެ މަގުސަދަކީ ސަރުކާރުގެ މުއައްސަސަތާކާއި ޖަމާއަތް ޖަމްއިއްޔާތަކާއި ގުޅިގެން ޕްރޮގްރާމް ތައް ރާވައި ކުރިޔަށް ގެންދިއުމަށް މަޝްވަރާ ކުރުމެވެ. މި ދަތުރުގައި މިހާތަނަށް މިނިސްޓަރ އޮފް ހެލްތް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަދި ވޮލީ ބޯޅަ އެސޯސިއޭޝަން އާއި ވަނީ ބައްދަލު ކޮށްފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަކީ އަންހެނުންގެ ހައްޤުތައް ހިމާޔަކޮށްދީ ތަރައްޤީގައި އިގްތިސާދީ ގޮތުންނާއި ސިޔާސީ ރޮގުން އަދި އިޖުތިމާއީ ރޮގުން އިސްދައުރެއް އަދާކުރާ ބަޔަކަށް އަންހެނުން ހެދުމަށްޓަކައި ހަދާފައިވާ ކޮމެޓީއެކެވެ.