English Edition
Dhivehi Edition
ނިމިގެން ދިޔަ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ: ފޮޓޯ އޭއޯނިއުސް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލައްވަވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން “އިންތިޚާބުގެ ކުރިން- ފަހުބަސް” ގެ ނަމުގައި ޚާއްޞަ ޕެނަލް ޑިސްކަޝަން ސެޝަން ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތައް ބާއްވާނީ އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ގދ. އަތޮޅާއި ގއ. އަތޮޅުގައެވެ.

އިންތިޚާބުގައި ވާދަކުރައްވަވާ ކެންޑިޑޭޓުންގެ އަޑު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާއި ރައްޔިތުންގެ ސުވާލުތަކަށް ކެންޑިޑޭޓުންނަށް ޖަވާބު ދެވޭ ފަދަ ގޮތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތައް ކުރިއަށް ގެންދާނީ މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސެޝަން ތަކުގައި ބައިވެރިވުމަށް ބޭނުންވާ ކެންޑިޑޭޓުން، ސްކީމްގެ ހޮޓްލައިން ނަމްބަރަށް ( 9574004 ) އަށް ގުޅުއްވަވައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ މާޗް މަހުގެ 5 ވަނަ ދުވަހެވެ. ޕެނެލްޑިސްކަޝަން ގައި ކެންޑިޑޭޓުން ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަވާކަށް ނުޖެހެއެވެ.

“ކެންޑިޑޭޓުންގެ ބަހުސެއްގެ ބަދަލުގައި މިފަދަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމީ ގިނަ ކެންޑިޑޭޓުންނަށް ރައްޔިތުންނާ ސީދާ ގާތުން ބައްދަލުކޮށް ރައްޔިތުންގެ ސުވާލުތަކަށް ވެސް ޖަވާބުދާރީ ވެވޭނެ ފަދަ ޕްލެޓްފޯމެއް ހޯދައި ދިނުމަށް. އަދި ބަހުސަކަށް ވުރެ ބޮޑަށް މިފަދަ ސެޝަންތަކަކުން ދެފަރާތަށް ވެސް ލިބިގެންދާނެ ފައިދާ ބޮޑުވާނެ” ސްކީމްގެ އޮޕަރޭޝަންސް ޑިރެކްޓަރ މަސީޙް އަހުމަދު ވިދާޅުވިއެވެ.

މިއީ ލައިވްކޮށް ކުރިއަށް ގެންދާ ސެޝަންތަކެއް ކަމަށްވާތީވެ ގިނަ ބަޔަކަށް ކެންޑިޑޭޓުންނާ ބެހޭ މައުލޫމާތު ފޯރުކޮށް ދެވޭނެ ސެޝަންތަކަކަށް މި ޕެނެލް ޑިސްކަޝަން ވެގެންދާނެކަމަށް ސްކީމްއިން ބުނެއެވެ.

ހަމަ އެއާއެކު މިއީ ދެކުނުގެ 4 އަތޮޅުގައި ކުރިއަށްގެންދާ ބޮޑު އިވެންޓަކަށް ވުމާއެކު މި އިވެންޓް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ. ސްޕޮންސަރ ކުރެއްވުމަށް ޝައުގުވެރިވެލައްވަވާ ފަރާތްތަކުން ސްކީމްގެ ހޮޓްލައިން އާއި ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ އުމުރު ފުރައެއްގެ ދެޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން މީހުން ބާރުވެރިވެރިކުރުވައި މީހުން ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި ޖަމިއްޔާގައި ދެކުނުގެ 4 އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގައި ޖަމިއްޔާ ތަމްސީލް ކުރާ އަތޮޅު ޗެޕްޓަރ އަކާއި އަދި ގައުމީ ހިންގާ ކޮމެޓީއެއް އެކުލަވާލާފައިވެއެވެ.