English Edition
Dhivehi Edition

އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ހާލަތު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ބޭއްވި ހެލްތު ފެއަރ އަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އޭނާ މަޤާމާ ޙަވާލުވެގެން މިވީ ދުވަސްތަކުގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ސިއްޙީ ޙާލަތު އަމިއްލަފުޅަށް ބައްލަވައި ވަޒަންކުރައްވާފައިވާކަމަށާ އަތޮޅުތަކުގެ ސިއްޙީ ނިޒާމުގެ ޙާލަތުއޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައިކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ސިއްހީ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ރަށްރަށުގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް އައިސްގެން ނޫނީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމްއަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވާނެ ކަަމަށެވެ.

“ވަޞީލަތާއި މީހުންނާއި ޚިދުމަތް ދިނުމުގެ އިންތިޒާމަށް ބަލާއިރުވެސް ސިއްޙީ އަތޮޅުތަކުގެ ދާއިރާ އޮތީ ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައި. މިހާރު އަތޮޅުތަކުގައި ދެމުންއަންނަ ސިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ އެކިއެކި ހޯދުންތައް ހޯދައި އެކަންކަމަށް ބޭނުންވާނެ ބަޖެޓު ހޯދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން . އަދި އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިހާރުހުރި ބައެއް އުސޫލުތަކަށްވެސް ބަދަލުގެންނަން ޖެހޭ” މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ބޭއްވި ހެލްތު ފެއަރ އަކީ ސިއްޙީ ޚިދުމަތްދޭ އެކިފަރާތްތައް ގުޅިގެން ބޭއްވި ޚާއްސަ ޙަރަކާތެކެވެ. މިފެއަރގެ ތެރެއިން ހިލޭ ހެލްތް ސްކްރީނިންގ ހެދުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ގައިންގަޔަށް ނާރާ ބަލިތަކާއި ރައްކާތެރި ކާނާއާއި ރަނގަޅުގޮތުގައި ބޭސް ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ކުއްލި ނުރައްކަލުގެ ޙާލަތުގައި އަވަސް ފަރުވާ ދިނުމާގުޅޭގޮތުންނާއި ޢާއްމުން ހޭލުންތެރިކުރުވުމުގެ އެކި ޙަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ސިއްޙީ ދުވަހުގެ ޝިޢާރަކީ “ސިއްޙަތުގެ ކައުނީ ހިޔާ – ކޮންމެ މީހަކަށް، ކޮންމެ ތާކުން އިބްތިދާއީ ސިއްޙީ ފަރުވާ” މިޝިޢާރެވެ.