English Edition
Dhivehi Edition

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެމްބިއުލާންސްގެ ހިދުމަތް ލިބެން ނެތް ރަށްތަކަށް މިއަހަރު މެދުތެރޭގައި އެމްބިއުލާންސް ފޯރުކޮށްދެވޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމް.ޑީ.ޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ހެލްތު މިނސްޓަރ ވިދާޅުވީ ގއ. ގދ އަދި ޅ އަތޮޅުގައި ޞިއްޙީ ޙިދުމަތް ދިނުމަށް އެކަށީގެންވާ ވަޞީލަތްތައް ލިބެންނެތުމާއި، އެމްބިއުލާންސްގެ ދަތިކަމާއި، ލެބޯޓްރީގެ ޙިދުމަތް ހޯދުމުގައި ހުރި ދަތިތައް އެ ރަށްރަށުގެ ކެނޑިޑޭޓުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެސް.ޓީ.އޯއިން އިތުރު 96 އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި އެ އެމްބިއުލާންސްތައް ރާއްޖެއަށް އަންނާނެކަމަށެވެ. އެހެންކަމުން އެހާތަނަށް އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓަރ ނަޞީމް ވިދާޅުވީ، މިހާރު މޯބައިލް ލެބޯޓްރީތަކުގެ ޙިދުމަތް ތަޢާރަފުކުރެވިފައިނުވާ ހުރިހާ ރަށަކަށް މާރިޗުމަހުގެ ނިޔަލަށް އެ ޙިދުމަތްވެސް ތަޢާރަފުކުރެވިގެންދާނެކަމަށެވެ. އަދި އެކަހެރިކޮށް އޮންނަ ރަށްތަކުން ޞިއްޙީ ޙިދުމަތް ހޯދުމަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް 12 ލޯންޗެއް މިހާރު ލިބިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް މަދުވާ ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބަޖެޓުގެ ތެރެއިން 61 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުއްމީދަކީ މިއަހަރުގެ މެދުތެރެއަށް ދާންވާއިރަށް މިނިސްޓްރީން ކަނޑައަޅާފައިވާ ކެޓެގަރީތަކާއި އެއްގޮތަށް ހުރިހާ ރަށެއްގައިވެސް ޑޮކްޓަރުންނާއި ނަރުހުން ހަމަވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.