English Edition
Dhivehi Edition
ރައީސް މުއިއްޒު އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި ހެލްތު މިނިސްޓަރު ނާޒިމާއި އެ ހޮސްޕިޓަލްފެ ސީއީއޯ ހަލީމް އަދި އެހެން ބައެއް މިނިސްޓަރުންނާ އެކު.-ފޮޓޯ: ރައީސް އޮފީސް

މި ހިނގަމުންދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީޚުގައި އާ ބާބެއް ހުޅުވިގެންދާނެ ފަސް އަހަރު ކަމަށް ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ދައުރަކީ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ތާރީހުގައި ވެސް އެންމެ ބޮޑު ހޭދައެއް ކުރެވޭނެ ދައުރެވެ. މީގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތާއި، އެމްއާރުއައި އަދި ސީޓީ މެޝިން ފަދަ ޒަމާނީ ވަސީލަތްތައް ގާއިމުކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުން ފުޅާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ވަރަށް ރަނގަޅަށް ތަރުތީބުކުރެވިފައިވާ ކަމަށާއި، ބަޖެޓު ހަމަޖެހި، ރައީސުލްޖުމްހޫރިއްޔާ ގާތުން ބައްލަވަމުން ގެންދަވާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ މުހިންމު ޚިދުމަތަކީ ސިއްހީ ޚިދުމަތް ކަމުގައި ވީހިނދު، އެކަމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.