English Edition
Dhivehi Edition

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ވަރަށް ކުޑަ މުޖުތަމައަކަށް ވާއިރު، ރައްޔިތުންނަށް ބާރު އޮންނަންޖެހޭނެ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ. އެގޮތުން ގައުމުގެ ވެރިއަކީ ރައްޔިތުން ވޯޓު ދީގެން ހޮވާ މީހަކަށް ވާންޖެހޭނެ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ކިނބިދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންގައި އުޅުއްވިއިރު ވެސް ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހުރީ ކިހިނެއްތޯ އޮޅުންފިލުއްވި ކަމަށާއި ގިނަ މީހުން ތާއީދުކުރަނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ގައުމުގެ ވެރިޔަކު ކަނޑައެޅޭނެ ނިޒާމެއް އޮތުމަށް ކަމަށެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ މިހާރުވެސް ގައުމުތަކުގައި އަމަލުކުރަމުންދާ ނިޒާމުތައް ކަމަށާއި ކޮންމެ ނިޒާމެއް އޮތަސް އިޚުލާސްތެރިން ތިބި ކަމުގައި ވާނަމަ، އޭގެ ޒާތުގައި އެއްވެސް ނިޒާމެއް ގޯސް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާއިރު އޭނަ ތާއީދުކުރައްވަނީ ރިޔާސީ ނިޒާމު ދެމިއޮތުމަށް ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑަށް މިހާތަނަށް ލިބިފައި ހުރި ތަޖުރިބާއަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެކޭ. ސިސްޓަމް ބަދަލުކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައި އޮންނަ ގޮތަށް. އެހަމަ އަކުރުން އަކުރަށް އެއަށް އަމަލުކުރަން ޖެހޭނެ. އެއަށް އަމަލުކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރާނަން. ގާނޫނުއަސާސީ ބައިޕާސް ކޮށްފައި އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން. އަދި އެބަހުސް އަންނަ ހިސާބުން އަޅުގަނޑުގެ ދާއިރާގެ މީހުންނާ އަޅުގަނޑު ބައްދަލުކުރާނަން. އެމީހުންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތެއްގެ މައްޗަށް އަޅުގަނޑު ވެސް އަމަލުކުރަންޖެހޭނެ ކަމަށް ދެކެނީ” ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރަންވީ ވަގުތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ އެމްޑީޕީގެ އެޖެންޑާ 19 ގައި ވެސް ހިމެނޭ ވާހަކައެއް ނޫން ކަމަށެވެ. ރައްޔިތުން ވޯޓުދިނީ އެޖެންޑާ 19 އަށް ކަމުގައި ވާނަމަ، ނިޒާމުގެ ބަހުސް ކުރަން ނުޖެހޭ ކަމަށެވެ. އެޖެންޑާ 19 ގައި އޮތީ ރައްޔިތުންނަށް ނަޒާހަތްތެރި ދިރިއުޅުމެއް ހޯދައިދީ، އުފާފާގަތި ކަމާއި އިންސާފު ހޯދައިދިނުން ފަދަ ވައުދުތަކެއް ކަމަށާއި އެންމެ ފުރަތަމަ ޖެހެނީ އެވައުދުތައް ފުއްދަން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ނަގާފައި ހުރި ބައެއް ބާރުތަކުގެ ސަަބަބުން ސަރުކާރު ހިންގުމަށް ބައެއް ކަންކަމުގައި ދަތިތައް އެބަހުރި ކަަމަށާއި ފުރިހަމަ ރިޔާސީ ނިޒާމެއްގައި އޮންނަ ގޮތަށް އެކަންކަން ބަދަލުކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އަނެއްކާވެސް ވާހަކަދެކެވެން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް “ޖަޒީރާ ރައީސް” ގެ ނަމުގައި އެމަނިކުފާނު ކުރިއަށްގެންދެވި ކެމްޕޭނުގައި ވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެވުމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.