English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވިއިރު ވެގެން ނިމިއްޖެއެވެ.

އަޔަކްސްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޔުވެންޓަސްއިންނެވެ.މިގޮތުން ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރެފައި ރޭގެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ޔުވެންޓަސްގެ ފޯވާޑް ކްރިސްތިއާނޯ ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ވެސް ކާމިޔާބުކޮށްދީފައިވަނީ އޭނާއެވެ.

ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގް ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. ޗެމްޕިއަންސް ލީގުގައި އޭނާ 125 ކާމިޔާބުކޮށްފައިވާއިރު އެ މުބާރާތުގެ ކްއާޓާ ފައިނަލުގައި އެކަނިވެސް އޭނާ ޖެހި ގޯލްގެ އަދަދު 20 ވުރެ މައްޗަށް އަރައެވެ.

ދެ ވަނަ ބުރުގައި އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ކުއާޓާގެ ޖާގަ ހޯދި އަޔަކްސް އިން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މި ހާފްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަޔަކްސްގެ ގޯލު ޖެހީ ބްރެޒިލް ގައުމީ ޓީމުން ދާދި ފަހުން ފުރުސަތު ހޯދި ވިންގާ ޑޭވިޑް ނެރެސް އެވެ.

1996 ވަނަ އަހަރަށްފަހު ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ނުވެ އޮތް ނަމަވެސް އެޓީމު ވަނީ ފަސް އަހަރު ތެރޭގައި ދެފަހަރަށް ފައިނަލް ކުޅެފައެވެ.މިއީ 2003 ވަނަ އަހަރަށް ފަހު އަޔަކްސް މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.