ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ މެންޗެސްޓަ ސިޓީގެ މައްޗަށް ކުރި ހޯދައި ޓޮޓެންހަމުން ސެމީގެ އުންމީދު ބޮޑު ކޮށްފިއެވެ.
މި ސީޒަނުގައި ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން މަސައްކަތް ކުރަމުން އަންނަ މެންޗެސްޓަރ ސިޓީގެ މައްޗަށް އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމުން ކުރި ހޯދީ 1-0 ލަނޑުންނެވެ.
ރޭގެ މެޗަކީ ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗެވެ.ލީގުގައި ޓޮޓެންހަމް އާ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާ ވަނީ ކްރިސްޓަލް ޕެލޭސް 2-0 ލަނޑުން ބަލިކޮށްފައެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެ ޓީމުން ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު ރޭގެ މެޗުގެ 13 ވަަނަ މިނިޓްގައި ސިޓީގެ ސާޖިއޯ އަގުއޭރޯ ފޮނުވާލި ޕެނަލްޓީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ވާތު ބެކް ޑެނީ ރޯސް އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ދިން ޕެނަލްޓީ އެކެވެ.
ޓޮޓެންހަމަށް މި މެޗުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ފައިގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އެ ޓީމުގެ ފޯވާޑް ހެރީ ކޭން ބަދަލުކުރަން ޖެހުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ކޭން އަށް ދެން މި ސީޒަނުގައި ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.
އަމިއްލަ ދަނޑުގައި މޮޅުވުމަށް މަސައްކަތްކުރަމުންދިޔަ ޓޮޓެންހަމަށް މެޗުގެ ހަމައެކަނި ލަނޑު ޓޮޓެންހަމްއަށް މެޗުގެ 78 ވަނަ މިނެޓުގައި ޖެހީ ކޭން ނެތްތައް ފޫބައްދަމުން ދިޔަ ހުނަރުވެރި ކުޅުންތެރިޔާ ސޮން ހެއުން މިން އެވެ.
ކުއާޓާގެ ދެ ވަނަ ލެގްގައި މި ދެ ޓީމް ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައެވެ.