English Edition
Dhivehi Edition

އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ބްރައިޓަން އާއި މެންޗެސްޓަ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީން ސީޒަނުގެ ދެ ވަނަަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ސީޒަންގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ސީޒަން ނިންމާލުމަށް އަޒުމު ހިފާފައިވާ ސިޓީއިން ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

ރޭގެ މެޗުން މޮޅުވެ ސިޓީ އެފްއޭ ކަޕްގެ ފައިނަލައަށް ދަތުރުކޮށްފައިވާއިރު ސިޓީ އަށް ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ވެފައެވެއެވެ. މި ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ޗެލްސީ ބަލިކޮށް އިނގިރޭސި ލީގު ކަޕް ސިޓީއިން ކާމިޔާބު ކޮށްފައިވާއިރު ސިޓީ އަންނަނީ ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލާ ވާދަކުރަމުންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ސިޓީ ދަތުރުކޮށްފައިވާއިރު އަންގާރަ ދުވަހުގެރޭ އެ މުބާރާތުގައި ސިޓީ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ޖީސުސް އެވެ. ޖީސުސް މިގޯލު ޖެހީ އެޓީމުގެ ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. މިއީ މި ސީޒަނުގެ އެފްއޭ ކަޕްގައި ސިޓީ ޖެހީ 20 ވަނަ ގޯލެވެ. މީގެ ކުރިން އެފްއޭ ކަޕް ގައި މި އަދަދަށް ގޯލު ޖަހައިފައިވަނީ 12-2011 ވަނަ އަހަރު ޗެލްސީ އެވެ.

ފައިނަލުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ ދެ ވަނަ ސެމީގައި މިރޭ ވެޓްފޯޑާއި ވުލްވްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.