އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހުވަގުތު ބްރޫނޯ ފެނާންޑޭސް ވައްދާލި ޕެނަލްޓީއާއެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީ ކުޅުނު މެޗުން ފަހުވަގުތު ބަލިނުވެ ސަލާމަތްވެއްޖެއެވެ.
ޔުނައިޓެޑުން ބްރައިޓަންގެ މައްޗަށް 3-2 އިން ކުރިހޯދިއިރު، ރަށުން ބޭރުގައި ޗެލްސީން ފަހަތުން އަރައި ވެސްޓް ބްރޮމްއާ އެއްވަރުކުރީ 3-3 އިންނެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީޢަކުން ނީލް މޯޕޭ އެވެ. މިއީ އެ ޓީމުގެ ތާރިކް ލަމްޕްޓޭ އަށް ޔުނައިޓެޑްގެ ފެނާންޑޭސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ތިން މިނެޓުފަހުން ޔުނައިޓެޑުން އެއްވަރުކުރީ ބްރައިޓަންގެ ކެޕްޓަން ލުވިސް ޑަންކް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މީގެއިތުރުން، ފުރަތަމަ ހާފުގައި ބްރައިޓަންގެ ލެއަންޑްރޯ ޓްރޮސާޑް ފޮނުވާލި ދެ ބޯޅައަކާ އެޑަމް ވެބްސްޓާ ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބްރައިޓަންގެ ފޯވާޑް އާރޮން ކޮނަލީ އަށް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފައުލްކުރިކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދިނުމަށް ނިންމުމަށްފަހު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީގެ އެ ނިންމުން ބަދަލުކުރިއެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ޖެހި ގޯލުންނެވެ. އޭގެފަހުން، ބްރައިޓަން އިން އެއްވަރުކުރަން ކުރި މަސައްކަތުގައި ދެ ފަހަރެއްގެ މަތީން ފޮނުވާލި ހަމަލާތައް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. އެ ޓީމުން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ސޮލީ މާޗް ޖެހި ލަނޑުންނެވެ.
ޔުނައިޓެޑް މޮޅުވީ މެޗުގެ އިތުރުވަގުތުގެ 10 ވަނަ މިނެޓުގައި ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މިއީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބޮލުން ޖެހި ބޯޅައެއް ބްރައިޓަންގެ މޯޕޭ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި މި ޕެނަލްޓީ ދީފައިވަނީ ރެފްރީ ފަހު ކަށިގަނޑު ފުމުނު ފަހުން ޔުނައިޓެޑްގެ ކުޅުންތެރިން އެޕީލްކުރުމުން، ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.
ހޯތޯންސްގައި ރޭ ކުޅުނު މެޗުގައި މި ފަހަރުގެ ސީޒަނަށް އަލަށް ޕްރޮމޯޓުވީ ވެސްޓް ބްރޮމް ވަނީ ފުރަތަމަ ހާފުގެ 30 މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހައި، ބޮޑު ހޭދައެއްކޮށްގެން ސީޒަނާ ކުރިމަތިލީ ޗެލްސީ ސިއްސުވާލާފައެވެ. ވެސްޓް ބްރޮމްގެ ތިން ލަނޑުގެ ތެރެއިން ކެލުމް ރޮބިންސަން ދެ ގޯލް ކާމިޔާބުކުރިއިރު، އަނެއް ލަނޑުޖަހައިދިނީ ކައިލް ބާޓްލީ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް ކުރީގައިއޮވެގެންނެވެ.
ޗެލްސީން ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި މޭސަން މައުންޓް ކާމިޔާބުކުރި ގޯލުން ފަރަގު ކުޑަކުރިއެވެ. އޭގެފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ފަހު ހާފުގައި ކުޅެން ނިކުތް ކެލުމް ހަޑްސަން-އޮޑޯއީ ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޗެލްސީ އަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ ޓެމީ އެބްރަހަމް ވައްދާލި ލަނޑުންނެވެ.
ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ސައްތައިގެ ރެކޯޑަކާއެކު ތާވަލްގެ ކުރިއަށް ޖެހިލާފައެވެ. ރޭގެ މެޗުގައި އެވަޓަންގެ ލަނޑުތައް ޖަހައިދިނީ ޑޮމިނިކް ކެލްވަޓް-ލުވިން އާއި ރިޗާލިސަން އެވެ. ޕެލަސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކުޔާޓޭ އެވެ. ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ސައުތެމްޓަން މޮޅުވީ 1-0 އިންނެވެ.