English Edition
Dhivehi Edition
ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް މޮޅަކުން ފަށައިފިއެވެ.

މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ހޭދައެއްކޮށްގެން ނިކުތް ޗެލްސީން ރަށުން ބޭރުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 3-1 އިން މޮޅުވިއިރު، ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި ވުލްވްސް މޮޅުވީ 2-0 އިންނެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު ޗެލްސީ ވަނީ ލީގުގެ ތާރީޚުގައި 2،000 މޮޅު ހަމަކުރި ތިންވަނަ ކްލަބުގެ ޝަރަފު ހޯދާފައެވެ. މި އަދަދަށް މެޗުން މޮޅުވި އަނެއް ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އެވެ.

ޗެލްސީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާ އާއި ފިޓްނަސް މައްސަލައިގައި މި ފަހަރުގެ ސީޒަނަށް އެ ޓީމަށް އަލަށް ގެނައި ހަކީމް ޒިޔެޗް އާއި ތިއާގޯ ސިލްވާ އަދި ބެން ޗިލްވެލް ނުކުޅެއެވެ. އަދި ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއްދެއްކި އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް ވެސް މިވަގުތު އަނިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެފްއޭކަޕްގެ ފައިނަލްގައި ދެއްކި ރަތް ކާޑުގެ ސަބަބުން އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓެއޯ ކޮވެސިޗް ރޭގެ މެޗުގައި ނުކުޅެއެވެ. އެހެންނަމަވެސް، އެ ޓީމާ އަލަށް ގުޅުނު ޖަރުމަނުގެ ދެ ކުޅުންތެރިން ކަމަށްވާ ޓިމޯ ވާނާ އާއި ކާއީ ހާވާޓްޒް ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ޗެލްސީން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. މިއީ އެ ޓީމުގެ ޖަރުމަނު ފޯވާޑް ވާނާ އަށް ޕެނަލްޓީއޭރިޔާތެރެއިން ބްރައިޓަންގެ ގޯލްކީޕަރު މެޓް ރަޔާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޗެލްސީ ކުރީގައިއޮވެގެންނެވެ.

ބްރައިޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ބްރައިޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ. އެ ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އަތްދަށުން ގޮހެވެ. އޭގެ ދެ މިނެޓުފަހުން، އިނގިރޭސި ފުލްބެކް ރީސް ޖޭމްސް ވަނީ ޗެލްސީ އަށް އަލުން ލީޑްނަގައިދީފައެވެ. މިއީ އޭރިޔާބޭރުން ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން ޖޭމްސް ކާމިޔާބުކުރި ރީތި ގޯލެކެވެ.

ބްރައިޓަން އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނުމަށް މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ލުވިސް ޑަންކަށް ލިބުނު ފުރުޞަތުގައި ހުހަށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ޗެލްސީގެ ލީޑް އިތުރަށް ފުޅާކޮށްދިނީ ކާޓް ޒޫމާ އެވެ. އެ ޓީމުގެ ޖޭމްސް ނަގައިދިން ކޯނަރަކުން އޭރިޔާތެރެއަށް ހުރަސްވި ބޯޅަ ޒޫމާ ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ ބްރައިޓެންގެ ޑިފެންޑަރު އެޑަމް ވެބްސްޓާގެ ފައިގައި ޖެހިފައެވެ.

ލީގުގައި ރޭ ޝެފީލްޑްގެ ބްރެމޯލް ލޭންގައި ކުޅުނު މެޗުގައި ވުލްވްސް ވަނީ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ދެލަނޑުޖަހާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، ތިންވަނަ މިނެޓުގައި ޑެނިއެލް ޕޮޑެންސް ދިން ބޯޅައަކުން މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓުފަހުން ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން ވުލްވްސްގެ ދެވަނަ ލަނޑުޖަހައިދިނީ ރޮމައިން ސައިސް އެވެ.