English Edition
Dhivehi Edition

އެއީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހެވެ. އައްޑޫ ސިޓީ ގަމުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަށް ދޫންޏެއްހެން އައިސް އެތިރިކޮށްލީ ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެކެވެ. އޭރު ހެނދުނު ގާތްގަނޑަކަށް 8:30 އެވެ.

މި ބޯޓު ގަމުގެ ބައިނަލް އަގުވާމީ ބަނދަރަށް ތިރިކުރުމާއެކު އައްޑޫ ރައްޔިތުންގެ “ފިޔަފެޅި” ފަދައެވެ. އަމިއްލަ ރަށުގައި ތިބެފައި ގައުމުން ބޭރަށް އުދުހުމުގެ ފުރުސަތު ލިބުނީއެވެ.

އައްޑޫ ވިޔަފާރިވެރިންނަށް ލިބުނީ ހުޅުވިފައިވާ ފުރުސަތެކެވެ. ސީދާ ގަމުން ފުރައިގެން ލަންކާ މަގުން ބެންކޮކަށްވެސް ދާން ފުރުސަތު ލިބުނީއެވެ. ބެންކޮކުން ބޯޓަށް އަރުވާ މުދާ ހިފައިގެން ސީދާ ގަމަށް އާދެވޭނެ ގޮތްވީއެވެ. “ކުރިންނަމަ ބެންކޮކުން މާލެއަށް މުދާ ނުވަތަ ކާގޯ މިފޮނުވަނީ. މާލެއިން ގަމަށް މުދާ މިފޮނުވަނީ މޯލްޑިވިއަންގެ ބޯޓުފަހަރުގައި. އެގޮތަށް ފޮނުވާއިރު ފަހަރަކު ނުވަތަ ދަތުރަކު ދާގީނާއެއް ފޮނުވާ ފަހަރުވެސް އާދޭ އެއޯ ބޯޓުގެ ޖާގަ ކުޑަވުމުން. އެގޮތަށް މުދާ ލިބުމުން ހަލާކުވާ ޒާތުގެ މުދާ ހުންނަނީ ކުނިވެފައި. އެއީ ވަރަށް ދެރަކަމެއް. އެހެންނަމަވެސް މިހާރު ސީދާ ގަމަށް މުދާ ލިބޭނެގޮތް ވުމަކީ ލިބުނު ވަރަށްބޮޑޫ ނަސީބެއް،” އައްޑޫ ވިޔަފާރިވެރިއަކު ބުންޏެވެ. އެހެންކަމުން މިދަތުރުތައް ތަރައްގީވެ ދާއިމީވުމަކީ ވިޔަފާރިވެރިންގެ ވަރަށްބޮޑު އުންމީދެކެވެ.

މިހާރު އައްޑޫ، ފުވައްމުލައް، ހުވަދޫ މީހުންނަށް ތާޒާ މޭވާ ލިބެއެވެ. ތަރުކާރީއާއި އެހެން ސާމާނު ލިބެއެވެ. މިދަތުރުތަކުގެ ސަބަބުންނެވެ.

މިދަތުރުތަކުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ޖުމްލަކޮށް ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ލިބިފައިވެއެވެ. އެހެންނަމަވެސް ސީދާ ސްރީލަންކަން އެއާލައިންސަށް ލިބޭ އުފަލެއްނެޔެވެ. އެމީހުން އުފާކުރަންޏާ އުފާކުރަންޖެހެނީ އިތުރު މަންޒިލަކަށް ދަތުރު ކުރަން ފެށުމުގެ އުފަލެވެ. އައްޑޫގެ ރީތި ޖައްވުން ލިބޭ ހިތްޖެހުމެވެ. ލިބޭ ފައިދާއަކަށް ބަލާ ކަމަށްވަނަމަ އުފާކުރަންޖެހޭ އެއްވެސް ސަބަބެއްނެތެވެ. އެދަތުރުފެށީ އައްޑޫގެ އާބާދިއަށް ބަލައިގެންނޫނެވެ. ދަތުރުތައް ފެށީ އައްޑޫއާއި ހުވަދޫގައި އުޅޭ ބިދޭސީންގެ އާބާދީއަށް ބަލައިގެންނެވެ. މި ދެއަތޮޅުގެ ރިސޯޓުތަކުގައި އެކަނިވެސް 4500 އަށްވުރެ ގިނަ ބިދޭސީން އެބައުޅެއެވެ. އެއީ ބަންގާޅު މީހުން ނުހިމަނައެވެ. މިހާވަރުގެ އާބާދީއަށް އޮތަސް އެމީހުންނަށް ގަމުގެ މަގުން ދަތުރެއް ނުކުރެވެއެވެ. ވޯކް ވިސާގައި ތިބި ބަޔަކަށްވާތީއެވެ. ވޯކް ވިސާ އޮންނަ މީހުންނަށް ގަމުން ފުރޭގޮތެއް އަދިވެސް ނުވެއެވެ.

މިދަތުރުތައް ނުފެށޭނެ ކަމުގެ ބިރު ހީވެފައިވަނިކޮށް ދަތުރުތައް ފަށައިފައިވަނީސަރުކާރުގެ ވަރަށް ބޮޑު އެހީއަކާއި އެއްބާރުލުމެއް ލިބިވަޑައިގެންނެވެ. އެހެންނަމަވެސް ބައެއް ކަންކަން އަދިވެސް ހަމަނުޖެހެތީ ސްރީލަންކަންއަށް ވަނީ ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލާމްޖެހިފައެވެ. އެންމެ ބޮޑު އެއްމައްސަލައަކީ ވޯކްވިސާ އޮންނަ މީހުންނަށް ގަމުން ފުރޭނެ ގޮތެއް އަދިވެސް ނުވުމެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށެވެ. އެކަމަކުވެސް އެކަން ވާގޮތެއް ނުވެއެވެ.

މިކަމުގެ ސަބަބުން ސްރީލަންކަން އެއާލައިންސުން ގެންދަނީ ގަމަށްކުރާ ދަތުރުތައް މަދުކުރުމަށް ވިސްނަމުންނެވެ. ހަފްތާއަކު ކުރަމުންދާ 4 ދަތުރު ތިން ދަތުރަށް ބަދަލުކުރުމަށް ވިސްނުމުން ގެންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. މި ދަތުރުތައް ފެށިދުވަހު އެ އެއާލައިނުން ބުނެފައިވަނީ އަމާޒަކީ ގަމަށްކުރާ ދަތުރުތައް އިތުރު ކޮށް ކޮންމެދުވަހަކު ފުލައިޓެއް ބޭއްވުމަށް ކަމަށެވެ. އެހެންނަމަވެސް އަމަލު ކުރަން މަޖުބޫރުވެފައިވަނީ އެއާ އިދިކޮޅަށެވެ. ފުލައިޓް އިތުރު ކުރުމުގެ ބަދަލުގައި މަދުކުރުމަށެވެ. ދަތުރުކުރާނެ ބަޔަކު ނުވެގެންނެވެ. ބަޔަކު ތިއްބަސް އެކަމަށް މަގުފަހިވެފައި ނެތުމުންނެވެ. މިހެންގޮސް ދަތުރުތައް އެއްކޮށް ހުއްޓަލައިފި ކަމަށްވަނަމަ ރައްޔިތުންނަށާއި އެއާލައިނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެއެވެ. ދެން ސުވާލަކީ އެ ގެއްލުމުގެ ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ؟ ސްރީލަންކަން އެއާލައިންސުން ހެއްޔެވެ. ރާއްޖޭގެ އެޖެންޓް ހެއްޔެވެ؟ ދިވެހި ސަރުކާރުން ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު އަދި ނޭނެގެއެވެ.