English Edition
Dhivehi Edition

ފޮޓޯއިން ތިޔަފެންނަނީ އައްޑޫ ސިޓީ ހިތަދޫގެ ސަރަހައްދެކެވެ. މަޝްހޫރު ސޯލާ ގާޑީއާ އޮންނަ ސަރަހައްދެވެ.

ފޮޓޯއަށް ބަލާލާއިރު ވަރަށް ރީތިވެފައި ހިތްގައިމެވެ. އެހެންނަމަވެސް އެސަރަހައްދަށް ގޮސް ހަމަލޮލުން ބަލައިލީމައި ނޫނީ އެތަނުގެ ހާލަތު ނެނގޭނެއެވެ. ބަލާލަން ލޮލަށް ރީއްޗަސް ކައިރިއަށްގޮސްބެލީމައި އެތަނުގެ ރީތިކަން ގެއްލިފައިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ.

މިއީ ގުދުރަތީ ގޮތުން ހިތަދުއަށް ލިބިފައިވާ ރީތި ސަރަހައްދުތަކުގެ ތެރެއިން އެއްތަނެވެ. އެތަނުގެ ރީތިކަން އާންމުނަށް އަޅައިނުގަންނަނީ ކީއްވެހެއްޔެވެ؟ އެ މާހައުލުގައިވާ ދިރުންތަކަށް ވިސްނާނުލަނީ ކީއްވެ ހެއްޔެވެ؟ މީގެ ޖަވާބެއް ނޭނގެއެވެ. އެހެންނަމަވެސް އެތަނަކީ މުހިންމު ތަނެއްކަމަށް ނުދެކެއެވެ. ދެކޭކަމަށްވާނަމަ އެތަނަށް ކުނިއަޅައި އެ މާހައުލު ހަޑިއެއް ނުކުރާނެއެވެ.

އެތަނުގެ ދިރުންތަކާމެދު ވިސްނާލައިފި ކަމަށްވާނަމަ އެއީ ވަކި ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ތަނެކެވެ. އެތަނުގައި ކުލަކުލައިގެ ކަކުނިއުޅެއެވެ. ރާއްޖޭގައި އުޅޭ ބައެއް ވައްތަރުގެ ދޫނިތައް އުޅެވެ. ބުޅިތުން، ރާބޮނދި، ހުވަދޫ ރާބޮނދި، އިރުވައިހުދު، ކަނބިލި ފަދަ ދޫނިތައް އެ ސަރަހައްދުން ފެނެއެވެ. އެތަނުގައި ހެދިފައިވާ ގަސްގަހާއި، ގޮނޑު ދޮށުގައި މިދުނީތައް އުޅެމުންދަނީ ވަރަށް މިނިވަންކަމާއެކުގައެވެ. މިފަދަ ކަންކަމުން އެތަންވަނީ ހިތްގައިމު ނަލަ ތަނަކަށް ވެފައެވެ. ހަގީގަތުގައ އެތަނަކީ “ސެލިން ޕޮއިންޓް” އަކަށްވެސް ހެދިދާނެ ތަނެކެވެ.

މި ސަރަހައްދާމެދު މިޒާތުގެ އުންމީދެއް ކުރާއެއްވެސް ބަޔަކު އެބައުޅޭ ހެއްޔެވެ؟

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ އެއީ ރީތި ސަރަހައްދެއް ކަމަށެވެ. އެހެންނަމަވެސް އެތަން ސާފުކޮށް ރީތިކޮށްގެން ބެލެހެއްޓޭނެ ގޮތެއް ނެތްކަމަށެވެ. އެހެންނަމަވެސް ސިޓީކައުންސިލުންވަނީ އެތަނުގައިވެސް ޑަސްބިނެއް ބަހައްޓައިފައެވެ.

“ކުރިންވެސް އެތަން ސާފުކޮށްފައި ރީތިކޮށްފައިވަނީ. އެހެންނަމަވެސް އަނެއްކާވެސް އެތަނަށް ކުނިއަޅައި ތަޣައްޔަރުވެފައިއެވަނީ. އެކަމަކު މިހާރު އެތަނުގައި ހުންނާނެ ޑަސްބިނެއް ބަހައްޓާފައި. އެތަނުގައި އެކަންޏެއް ނޫން ވަރަށްގިނަ ތަންތާގައި ހުންނާނެ. އެކަމަކު އެ ފުރުމުން އުކާލާނެ ބަޔަކުވެސް ނުވޭ. އެވަރުން ކިހިނެއް އެތަންތަން ރީތިކޮށް ބަލަހައްޓާނީ،” ތައްޔިބު ވިދާޅުވިއެވެ.

އެސަރަހައްދުގައި ހެދިފައިވާގަސްތަކާއި ވެޔޮތަކުގެ ތެރެއިން ދެމިގެންދާ ލޮނުގަނޑު ވައްތަރީ ކުޑަކޯރަކާއެވެ. މޫދާ ގުޅިފައިވާ އެކޯރުގައި ކުދި މެކުނާއި، ގުރުވައާއި، ފަރުތޮޅި ހަރަކާތްތެރިވެއެވެ. ދިޔަ ބޮޑުވެގެން އަންނައިރު އެތަނުގައި މި މަސްތައް ދަނީ ފޫހިފިލުވަމުންނެވެ. އެހެންނަމަވެސް އެތަނަށް އަޅާފައިވާ ކުންޏާއި އެހެނިހެންތަކެތީގެ ސަބަބުން އެތަން ފެންނަނީ މަރުވެފައިވާ ތަނެއްގެ ގޮތުގައެވެ. އެ ސަރަހައްދަކީ ކޮންމެވެސް ވަރަކަށް ޗަސްބިންވެސް އޮންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގެ މޫދުވަނީ ކިލަނބުވެފައެވެ. އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ކަނޑޫފަދަ ގަސްތައް ހެދިފައިވެއެވެ.

މި ރިވެތި މާހައުލު ސާފުކޮށް ރީތިކޮށް ބަކަހައްޓަން ފަށައިފި ކަމަށްވާނަމަ އެއީ އެންމެންގެ ޝައުގުވެރިން ލިބިގެންދާނެ ފަދަ ހިތްގައިމު ތަނަކަށްވާނެއެވެ. އެތަނަށް އަޅައިފައިވާ ކުނިބުނިތަކުގެ ތެރޭގައި ނެޕީއިން ފެށިގެން ސައިފަތް ޕެކެޓާ ހަމައަށް އެބަހުއްޓެވެ. ނެތީ ސާފުކުރާނެ އަތްތަކެވެ.