English Edition
Dhivehi Edition
ރައީސް ނަޝީދު

ސަރުކާރަށް ބޭރުގެ ވަސީލަތްތަކުން ފައިސާ ހޯދިފައި ނުވާތީ، ދަރަނި ދެއްކުމަށް ރާއްޖޭގައި ހުރި ހުރިހާ ބޭރު ފައިސާއެއް ބޭނުންކުރަން ޖެހި، ރާއްޖެއިން ޑޮލަރު ހުސްވެފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އަސްލު ޓީވީ” ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދިނުމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ސަރުކާރަށް ހުށަހެޅި ކަމަށެވެ. ނަމަވެސް، ސަރުކާރުން އިހުތިޔާރުކުރީ އަމިއްލަ ޕްލޭނަކައިގެން ކުރިއަށްދިއުމަށް ކަމަށާއި، އެހެންނަމަވެސް އެ ޕްލޭން ނާކާމިޔާބުވެ ކެޕިޓަލް މާކެޓުން ފައިސާ ހޯދިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ބޭރުން ފައިސާ ނުގެނެވުމުގެ ސަބަބުން މިދިޔަ އެޕްރީލް މަހު ދައްކަންޖެހުނު ސުކޫކުގެ 524 މިލިއަން ޑޮލަރާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރު ހިމެނޭހެން، ޖުމްލަ 924 މިލިއަން ޑޮލަރު ދައްކާފައިވަނީ އެތެރޭގެ ބާޒާރުގައި ހުރި ފައިސާއިންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލި، މިހާރު ޑޮލަރެއްގެ ރޭޓް 21.35 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރި ނަމަވެސް، ޑޮލަރުގެ އަގު ތިރިކުރެވިފައި ނުވާކަމަށާއި، މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ އަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.