English Edition
Dhivehi Edition

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލީ ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނެސްފައިވާ ބަދަލާ ގުޅިގެން، ގާނޫނާއި ޝަރީއަތް ކިޔަވާ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ބާ ކައުންސިލުން މިދިޔަ ހޯމަ ދުވަހު އާންމުކުރި އައު އުސޫލުގައިވާ ގޮތުން، ގާނޫނީ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމުގެ ގޮތުން އިމްތިހާނުތައް ފިޒިކަލީ ބޭއްވުމުގެ އިތުރުން އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް އޮގަސްޓު މަހުން ފެށިގެންނެވެ.

ވިލާ ކޮލެޖުގައި ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން އިސްނަގައިގެން ތައްޔާރުކުރި މި ޕެޓިޝަންގައި ބުނެފައިވަނީ ގިނަ ދަރިވަރުންނަކީ ވަޒީފާ އަދާކުރާ މީހުންނަށްވުމާއި، އިމްތިހާނު ބާއްވާ ތަނާ ދުރު ރަށްރަށުގައި ދިރިއުޅޭ މީހުން ކަމަށްވާތީ، ފިޒިކަލީ ހާޒިރުވެ އިމްތިހާނު ހެދުމަކީ ބޮޑު ދަތިކަމެއް ކަމަށެވެ.

މި ޕެޓިޝަނުގައި މިހާރުވެސް އޮންލައިންކޮށް އިމްތިހާނު ބާއްވާއިރު ލޮކްޑައުން ބްރައުސަރާއި ވެބްކެމް ބޭނުންކޮށްގެން އިންސާފުވެރިކޮށް އިމްތިހާނު ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ. އަދި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައިވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވާކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ސޮއިކުރި 100 އަށްވުރެ ގިނަ ދަރިވަރުން އެދެނީ ބާ ކައުންސިލުން މި ނިންމުން މުރާޖައާކޮށް، ހުރިހާ ދަރިވަރުންނަށް އިންސާފުވެރި ގޮތެއް ހަމަޖައްސައިދިނުމަށެވެ. ނަމަވެސް ބާ ކައުންސިލުން ބުނެފައިވަނީ މި ބަދަލުތަކަކީ ގާނޫނީ ތައުލީމުގެ ފެންވަރު މަތިކޮށް، ގާނޫނީ ވަކީލުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.