English Edition
Dhivehi Edition

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާގެ ގޮނޑި ފިޔަވައި ސިޓީތަކުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

އެޖެންޑާ ނަވާރައިގެ ދަށުން އެމްޑީޕީން ކުރން ކެމްޕޭނާއި ނެރުނު ކެނޑިޑޭޓުންނާއި އެކު މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ ތާރީޚީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

މިގޮތުން ރާއްޖޭގެ ތިން ސިޓީގެ 25 ގޮނޑީގެ ތެރެއިން 24 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މިހާތަނަށް ސާފުކުރެވުނު ވަގުތީ ނަތީޖާއިން ދައްކާގޮތުން އެމްޑީޕީއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި ދާދި ގާތްކުރާ އަދަދަކަށް ގޮނޑި ލިބިފައެވެ.

އައްޑޫ ސިޓީގެ 7 ގޮނޑި އާއި ފުވައްމުލައް ސިޓީގެ ތިން ގޮނޑި އާއި މާލޭގެ 14 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރި އިރު، މިއީ ސިޓީތަކުންވެސް މީގެ ކުރިން އެމްޑީޕީއަށް ލިބިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބެކެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެއްވެސް ސިޓީއެއްގެ ހުރިހާ ގޮނޑި އެމްޑީޕީއަށް ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ފުވައްމުލަކުގެ 3 ގޮނޑިއަށްވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މުޅިންވެސް ހޮވުނީ ޕީޕީއެމްގެ މެމްބަރުން ނަމަވެސް، ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބުގައި ފުވައްމުލަކުގެ 3 ގޮޑިވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ނަތީޖާ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ކުރިން އިއުލާނު ކުރާނެ ކަމުގައި އިލެކްޝަނުން ވަނީ ބުނެފައެވެ.