English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް އަހުމަދު، / ޝަމްސުއްދީން ސްކޫލް

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޝަމްސުއްދީން ސްކޫލުގައި ފާހަގަ ކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްގައި ވަނީ ތަފާތު ޕްރޮގްރާމު ތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދުވަހާއިގުޅޭ މައުލޫމާތުދިނުމާއި ލަވައެއް ހުށަހަޅައިދިނުން އޮތެވެ. މި އައިޓަމް ހުށަހަޅައިދިނީ ގްރޭޑް 5 ގެ ދަރިވަރުންނެވެ.

އަދަބީ ގުލްޒާރުގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ދުވަހާއި ގުޅޭ ކުއިޒެއްވެސް ކުރިއަށް ގެންދެވުނެވެ. މި ކުއިޒު ކުރިއަށްގެންދެވުނީ އަންހެންކުދިންނާއި ފިރިހެންކުދިންގެ މެދުގައެވެ.

ޝަހީދުންގެ ދުވަހަކީ ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ. އެހެންނަމަވެސް މިދުވަސް މިއަދު ސްކޫލުގައި ފާހަގަކުރި ސަބަބަކީ ޝަހީދުންގެ ދުވަސް ދިމާވަނީ ހޮނިހިރު ދުވަހަށްވާތީ އެދުވަހަކީ ކިޔެވުން ނޯންނަ ދުވަހަކަށް ވުމުންނެވެ.

ދުވަހާއިގުޅޭ ގޮތުން ވާހަކަދެއްކީ އަދަބީ ގުލްޒާރުގެ ޕްރެޒިޑެންޓް އަހުމަދު މަހުރާން އިބުރާހިމްއެވެ. މަހުރާންގެ ވާހަކައިގައި ޝަހީދުންގެ ދުވަސްފަދަ ދުވަސްތައް ފާހަގަ ކުރަނީ ގައުމަށްޓަކައި ޤުރުބާންވެ، ޝަހީދުވެފައިވާ އަބުޠާލުންގެ ޛިކުރާއާކޮށް، ޤައުމަށް ދިމާވެފައިވާ އެކިހުރަސްތަކުގައި ސާބިތުކޮށްދީފައިވާ އަޒުމާއި ހިތްވަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ސަބަބުން ޝަހީދުންގެ ދުވަހާއި ގުޅޭ ތަފާތު މައުލޫމާތު ދަރިވަރުންނަށް ލިބިގެން ދިޔަކަން ފާހަގަކުރެވުނެވެ.