English Edition
Dhivehi Edition

ރަމަޟާން މަހުގެ ފަހު ދިހަ އަށް އަމާޒު ކޮށްގެން އޭއޯ ނިއުސް އިން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ އޮންލައިން ގުރުއާން މުބާރާތް 738 ބައިވެރިންނާއެކު މިއަދު ނިންމާލައިފިއެވެ.

އޭއޯ ނިއުސް ގެ ސްކޫލް މީޑިއާ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތަކީ ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުން ގައި ތިބޭއިރު ދަރިވަރުންނަށް ގޭގައި ބެލެނިވެރިންގެ އެހީތެރިކަމާއެކު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނާއި ދީނީ ކަންކަން އާލާކޮށް ގުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގައި ދަރިވަރުން ބައިވެރިވެފައިވަނީ ގޭގައި ތިބެގެން ގުރުއާން ކިޔެވުމަށް ފަހު ވީޑިއޯ އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖަށް މެސެންޖަރ އިން ފޮނުވައިގެންނެވެ.

6 އުމުރުފުރައަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހިމެނެނީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ބަޔާއި 16 އަހަރުން ދަށުގެ ބަޔެވެ. މި އުމުރުފުރާތަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ 6 އަހަރުން ދަށުގެ އުމުރުފުރައިންނެވެ.

ގިނަ އަދަދެއްގެ ދަރިވަރުން މުބާރާތުގައި ބައިވެރިވެފައިވާތީ މުބާރާތުގެ ނަތީޖާ ފާޅުކުރުން ބާއްވާނީ ޖުލައި މަހުގައެވެ. އަދި ނަތީޖާ ފާޅުކުރުމުގެ ހަފްލާ ބާއްވާނެ ތާރީޚެއް ބެލެނިވެރިންނަށް ފަހުން އަންގާނެއެވެ.

މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ފަނޑިޔާރުންގެ މާކުހަށް ބަލައި ކޮންމެ އުމުރުފުރައަކުން 1، 2 އަދި 3 ވަނަ އާއި މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރައަކުން ސޯޝަލް މީޑިއާގައި އެންމެ ކަމުދިޔަ ކިޔެވުމަކަށް ވެސް އިނާމު ދެވޭނެ އެވެ. މި ބައިން ހޮވާނީ ކޮންމެ އުމުރުފުރައަކުން 1 ކުއްޖެކެވެ. މިވަނަ ހޮވާނީ އޭއޯ ނިއުސް ފޭސް ބުކް ޕޭޖާއި އޭއޯ ނިއުސް ޓުވިޓަރ އަދި ޔޫޓިއުބްގައި ވީޑިއޯ އަށް ލިބޭ ލައިކްސް އަދި ޝެއަރ ކުރާ މިންވަރަށް ބަލައިގެންނެވެ.

އޭއޯގެ ގުރުއާން މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރ އަކީ ހެޕީމާކެޓް އެވެ. ހެޔޮ އެދޭ ފަރާތްތަކުން މި މުބާރާތަށް ސްޕޮންސަރ ކުރުމުގެ ފުރުސަތު އަދި ވެސް ވަނީ ހުޅުވާލެވިފައެވެ. އޭއޯ ޗެނަލުން މުބާރާތުގެ ނަތީޖާ ފާޅުކުރުން ޚާއްޞަ ހަފްލާއަކާއެކު ބާއްވާއިރު މުބާރާތަށް ސްޕޮންސަރ ކުރައްވާ ފަރާތްތަކުގެ އިޝްތިހާރު މި ހަފްލާގައި ގެނެސްދެވޭނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 7782034 މި ނަމްބަރަށް ގުޅުއްވައި މައުލޫމާތު ސާފުކުރެވޭނެއެވެ. ނުވަތަ ނޫހުގެ ފޭސްބުކް ޕޭޖަށް މެސެޖް ވެސް ކުރެވިދާނެއެވެ. ޕޭޖް ލިންކަކީ http://web.facebook.com/aonews.mv/ އެވެ.

އޭއޯ އިން ވަނީ ގުރުއާން މުބާރާތުގެ އިތުރުން މި ލޮކްޑައުންގެ މުއްދަތުގައި “ކޮވިޑް ޓޭލްސް”ގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ކުރެހުމުގެ މުބާރާތެއްވެސް ބާއްވާފައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ކޮވިޑް 19 އާއި ގުޅިގެން މިހާރު އަޅާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.

އޭއޯ ގެ ސްކޫލް މީޑިއާއިން މީގެ ކުރިންވެސް ކާމިޔާބު ކަމާއެކު، ބޮޑެތި އިނާމު ހުށަހަޅައިގެން އައްޑޫސިޓީއަށް ޚާއްޞަ ކޮށް މަދަޙަ މުބާރާތްތައް ވަނީ ބާއްވާފައެވެ. މި ގޮތުން ބޭއްވި މުބާރާތްތަކުގައި އޮސްޓްރޭލިއާ ސްޓަޑީ ޓުއާރ އާއި ދުބާއީ އަދި ޗައިނާ ސްޓަޑީ ޓުއަރ ދަތުރުތައް އިނާމުގެ ގޮތުގައި ދަރިވަރުންނަށް ވަނީ ދީފައެވެ. ހަމައެއާއެކު އުމްރާ ދަތުރުގެ އިނާމު ވެސް ވަނީ ދީފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އޭއޯ އިން ގުރުއާން މުބާރާތެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މުބާރާތް ކާމިޔާބު ކަމާއެކު ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބިގެން ބާއްވާފައިވާއިރު އޭއޯ އިން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ރަމަޟާން މަހުގައި ވެސް މިފަދަ ގުރުއާން މުބާރާތެއް ބޭއްވުމަށެވެ.