English Edition
Dhivehi Edition
ރައީސް ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ ރައީސް އޮފީސް

ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ދިވެހިން ދިވެހިންގެ ސަލާމަތް ހޯދުމަށް އަލިރަސްގެފާނުގެ ޖިހާދުން ގޮވާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ އަލިރަސްގެފާނުންގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުޚާތަބުކުރާ ކަމަށެވެ.

އަލިރަސްގެފާނުގެ ޖިހާދުގެ ހާދިސާއަކީ ދިވެހިންނަށް އެތައް ގޮތަކުން ފިލާވަޅުތަކާއި އިބުރަތް ލިބޭ ހާދިސާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަގުފަހިކުރުވި މި ހާދިސާގައިވެސް ފެނިގެންދިޔައީ، އަމިއްލަ އެދުމާއި ދިވެހީން ދިވެހި ގައުމަށް ހިޔާނާތްތެރިވުން ކަމަށެވެ. އަދި މި ހާދިސާއިން ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން ފުރިހަމައަށް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.

” މި ހާދިސާއިން ފެންނަނީ ދިވެއްސެއްގެ އެދުމަށް ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށް، ނަމަވެސް އާޚިރުގައި އެއްވެސް ފައިދާއެއް އެމީހުންނަށް ނުލިބި މާތްﷲ ޙައްޤަށް ނަސްރު ދެއްވި މަންޒަރު” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ގައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ފަހަރެއްގައި، ދިވެހިންގެ ތެރެއިން ބަތަލުންތަކެއް ނުކުމެ ކުރި ޖިހާދުގެ ހަނދާން އަބަދުމެ އާކުރަންޖެހޭކަމަށެވެ. ޕޯޗްގީޒުން މާލެއަށް އެރުމުގެ ފުރުސަތު ލިބުނީ، މާލޭގައި އާއްމުންގެ ތެރޭގައި ފިތުނަވެރި ބައެއް ވާހަކަތައް ފެތުރި އެ ފިތުނައިގެ ވާހަކަތައް ފޭދި ދިވެހިން އަމާންދިނުމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުމަށް މަސައްކަތްކުރި މި ހާދިސާގައި، ދިވެހިންގެ ރަށްތަކެއްވެސް އެމީހުންގެ އަޅުވެތިކަމަށް ގެންދިޔަކަމަށާ ނަމަވެސް ކާބަފައިން އެރަށްރަށް އަލުން ދިވެހިންނަށް ހޯއްދަވައިދެއްވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ސަރުކާރުވެސް ވެގެންދަނީ ދިވެހިންގެ މިނިވަންކަމަށް އެހެން ބޭރުގެ ބާރަކުން ކުޅުމުގެ ފުރުސަތު ނުދޭނެ ސަރުކާރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ހުއްޓާނުލާ މަސައްކަތްކުރައްވާނެކަމަށާ އަލި ރަސްގެފާނުގެ ޖިހާދުން އިބުރަތް ލިބިގެން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް މި ސަރުކާރުން ހޯދައިދެއްވާނެ ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ބަތަލު، އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ޒުވާނުން އެތައް އިބުރަތެއް ޙާސިލްކުރަން ޖެހޭކަމަށެވެ. މި ގޮތުން ޖިހާދު މީޑިއާތަކާއި އަދި ޒުވާނުންނާ ވެސް މުހާތަބުކުރާކަމަށާ އެގޮތުން، ހަބަރު ފަތުރާއިރު ގައުމާ އެއްކޮޅަށް ހަބަރު ފަތުރަން އެ ޖިހާދުން ނަސޭހަތްދޭ ކަމަށެވެ. އަދި، ދޮގު ޚަބަރު ނުފަތުރަން އިންޒާރުދޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަމިއްލަ ބިމުގެ ބާރުވެރިކަން އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެންނަ ކަމަށާއި އޭގެ މިސާލަކީ ފަލަސްތީނު ކަމަށެވެ. އެހެންވެ، އެފަދަ ދުވަހެއް ދެކެން ނޭދޭ ކަމަށް ރައީސް ވިދާޅުވިއެވެ.