English Edition
Dhivehi Edition

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގައި ހިތަދޫ ސްކޫލާއި ބައްދަލުކުރި މެޗް، ސ.އަތޮޅު ސްކޫލުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ސ.އަތޮޅު ސްކޫލްގެ ޖާރޒީ ނަންބަރ 10، ރަޔަން މުއްސަދު ވަނީ 3 ގޯލް ޖަހައި، ހެޓްރިކެއް ހަދާފައެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ދެ ޓީމުންވެސް ވަނީ ވަރުގަދަ ޙަމަލާތަކެއް ފޮނުވާފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ހާފް ފެށުމާއިއެކު ދެ ޓީމުގެ ޙަމަލާތައް ގިނަވެ، ނަތީޖާ 2-3 އަށް ބަދަލުވިއެވެ.

ދެ ސްކޫލުގެ ފަރާތުންވެސް ވާދަވެރި ސަޕޯރޓުކުރުމެއް ފެނިގެން ދިޔަ މި މެޗު ނިންމާލުމަށްފަހު ވާހަކަދައްކަމުން ޓީމްގެ ކެޕްޓަން ޙަސަން ސަހާފް ބުނީ މި މެޗުގައި ދެއްކި ކުޅުން ކުރިއަށް އޮތް މެޗުތަކުގައިވެސް ދައްކައިގެން އެ މެޗުތައްވެސް ކާމިޔާބުކުރުމަށް ކުރެވެން އޮތްހައި ކަމެއް ކުރާނެ ކަމަށެވެ.

މަމެން އިންޓަރ ސްްކޫލް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ފުޓްބޯޅައަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކޮށް، އައްޑޫގެ ފުޓްބޯޅަ ކުރިއެރުވުމެވެ.

މިދިޔަ އަހަރު ފައިނަލްގައި ސ.އަތޮޅު ސްކޫލްވަނީ ކުޅެފައެވެ. އަދި މުބާރާތުގެ ރަނަރ-އަޕް ޓީމުގެ ޝަރަފު ހޯދައި، ސ.އަތޮޅު ސްކޫލްގެ ގިނަ ކުޅުންތެރިންވަނީ ރަން ވަނަތަކެއް ޙާޞިލުކޮށްފައެވެ.