އދގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އިންތިހާބުގައި، މި މުހިންމު މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެފައިވަނީ އާންމު މަޖިލީހުގެ މެންބަރު ގައުމުތަކުގެ އިއްތިފާގުންނެވެ.
މި މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ހުސައިން އަޒްހާން މުހައްމަދު ހުސައިން އެވެ. އޭނާ މި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މި އަހަރު ސެޕްޓެމްބަރު އިން 2027 ސެޕްޓެމްބަރު އަށް ކުރިއަށްދާ އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައެވެ. މި ސެޝަންގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިގްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ “ސެކަންޑް ކޮމިޓީ” އަކީ އދ ގެ އާންމު މަޖިލީހުގެ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ކުރިއެރުމާ ގުޅުންހުރި ކަންކަން ނިންމާ އެންމެ މުހިންމު އެއް ގޯއްޗެވެ. މި ކޮމިޓީގެ ހުރިހާ މަސައްކަތްތަކެއް ރާވައި ހިންގުމުގެ ފުރިހަމަ އިހްތިޔާރު އޮންނަނީ ކޮމިޓީގެ ބިއުރޯއަށެވެ.