އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އިން 1 ބިލިއަން ޕައުންޑް ހަރަދުކޮށްގެން ބިނާކުރި އަގު ބޮޑު ސްޓޭޑިއަމްގައި ފުރަތަމަ ޕްރިމިއަރ ލީގް ގޯލް ކާމިޔާބުކުރި ކުޅުންތެރިއާގެ ޝަރަފް އެޓީމަށް ކުޅޭ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހޯދައިފިއެވެ.
ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޓޮޓެންހަމް އާ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ޕްރިމިއަ ލީގު މެޗު އެ ޓީމް ކާމިޔާބުކޮށްފައިވަނީ 0-2 ލަނޑުންނެވެ.
މި މޮޅާއެކު ޓޮޓެންހަމް 64 ޕޮއިންޓާއި އެކު ލީގުގެ ތިންވަނަ މަގާމަށް ޖެހިލާފައިވާއިރު އާސެނަލް ހަތަރު ވަނައިގައި އޮތީ 31 މެޗުން 63 ޕޮއިންޓާ އެކު އެވެ.ލީގުގެ އެއްވަނާގައި 80 ޕޮއިންޓާއި އެކު ސިޓީ އޮތްއިރު ދެވަނާގައި 79 ޕޮއިންޓާއި އެކު އޮތީ ލިވަޕޫލްއެވެ.
ރޭގެ މެޗްގައި ޓޮޓެންހަމް އިން ޖެހި ފުރަތަމަ ލަނޑު ސޮން އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ 55 ވަނަ މިނެޓްގައެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 80 ވަނަ މިނެޓްގައި ކްރިސްޓިއަން އެރިކްސަން އެވެ. ރޭގެ މޮޅަކީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ލެސްޓަރ ސިޓީ އަތުން ޓޮޓެންހަމް މޮޅުވި ފަހުން ޕްރިމިއަރ ލީގުގައި ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.
ޓޮޓެންހަމުން 1899 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ދަނޑު “ވައިޓް ހާޓް ލޭން” ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެކި ޕްލޭންތައް މީގެ ކުރިން ގެންގުޅުނެވެ. އެކަމަކު އޭގެ އެއްވެސް ޕްލޭނެއްގެ އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ. އެހެން ނަމަވެސް ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީގެ ހާއްސަ އިސްނެންގެވުމަކާ އެކު ޓޮޓެންހަމްވަނީ ޒަމަނީ ގިނަ ވަސީލަތަކާއި އެކު އެ ޓީމްގެ ހޯމް ދަނޑު ރޭ ރަސްމީކޮށް ހުޅުވާލާފައެވެ.
ޓޮޓެންހަމްއިން އާ ސްޓޭޑިއަމް ރޭ ހުޅުވާލާފައިވާއިރު އެ ޓީމުންވަނީ އާމްދަނީ އިތުރުކުރުމުގެ މައި ވަސީލަތަކަށް ހެދުމަށް ޓަކައި ކުރިއަށް އޮތް 10 އަހަރު ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި އެމެރިކަން ފުޓްބޯޅަ ކުޅޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއީ ޓޮޓެންހަމަށް މިހާރު ލިބެމުން އަންނަ އާމްދަނީ ތިން ގުނަ އިތުރުވާނެ ކަމެކެވެ. އެ ގޮތުން ޓޮޓެންހަމަށް ސީޒަނަކު އާމްދަނީގެ ގޮތުގައި 300 މިލިއަން ޑޮލަރު ކުރިން ލިބޭނަމަ އާ ދަނޑުގައި އެމެރިކަން ފުޓްބޯޅަ ކުޅޭނަމަ އެ އަދަދު 900 މިލިއަން ޑޮލަރާ ގާތްކުރާނެ އެވެ.
ގާތްގަނޑަކަށް 60 ހާސް މީހުންނަށް ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.