އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ 19 ވަނަ މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާ އޮތީ ބަދަހިކޮށް ކަމަށް އެދާއިރާގެ މިހާރުގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މަޖިލިގެ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަވާ އިންތިޚާބުން ބަލިވެވަޑައިގަތުން ނިޒާރު ގެންދަވަނީ އެމްޑީޕީ ފިޔަވައި އަމިއްލަ ގޮތުން ދެކުނު ދާއިރާއަށް ކުރިމަތި ލައްވަވާ ކެންޑިޑޭޓުންނަށް ސަޕޯޓު ކުރައްވަވަމުން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ވާހަކަތައް ނިޒާރުވަނީ ދޮގު ކުރައްވަވާފައެވެ.
“އަޅުގަނޑަކީ ފެށުނީއްސުރެން އެމްޑީޕީގެ މީހެއް. އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއަކަށް ސަޕޯޓެއް ނުކުރާނަން. އަދި ވޯޓު ދޭނީ ވެސް ސަޕޯޓު ކުރާނީ ވެސް އެމްޑީޕީގެ ކެންޑިޑޭޓަށް. އިރާދަ ކުރެއްވިއްޔާ ހިތަދޫ ދެކުނު ދާއިރާ އޮތީ ހަމަ ވަރަށް ބަދަހިކޮށް” އޭއޯ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ މިވަގުތު ކަންތައްތައް ހުރި ގޮތުން އައްޑޫއަށް ދެވޭ ގޮތް ނުވެފައިވާތީ އައްޑޫގެ ކެމްޕެއިން ތަކުން ނުފެނު ނަމަވެސް މާލޭގައި ކުރިއަށް ގެންދާ ހުރިހާ ކެމްޕެއިން ތަކެއްގައި ފުރިހަމައަށް ބައިވެރިވެލައްވަވާ ކަމަށެވެ.
“އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލަށް ފުރިހަމައަށް ތާއީދު ކުރަން. ކެމްޕެއިން ހަރަކާތްތަކުގައި ވެސް ވަގުތުވީ މިންވަރަކުން މިދަނީ ބައިވެރިވަމުން. މީހުންނަށް ބޭނުންވާހަކައެއް ދެއްކި ދާނެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫން ” ނިޒާރު ވިދާޅުވިއެވެ.
އެމްޑީޕީ ގެ ޕްރައިމަރީގައި ވާދަކުރައްވަވާ “އެޖެންޑާ 19” ކާމިޔާބު ކުރުމަށް އެމްޑީޕީން ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ އިބްރާހިމް ނާޒިލެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ނާޒިލް ފަސޭހަ ކަމާއެކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވަވާނެއެވެ. ސަބަބަކީ ހިތަދޫ ދެކުނު ދާއިރާއަކީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ދާއިރާއަކަށް ވުމާއި ޕްރައިމަރީގައި ވެސް ނާޒިލަށް ލިބިލެއްވެވި ކާމިޔާބީއެވެ.