English Edition
Dhivehi Edition

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް މެޖޯރިޓީ ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ބައެއް ސިޔާސީ ޕާޓީތަކުން މަސައްކަތްކުރަމުންދާކަމުގެ ކަންބޮޑުވުންތައް ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

“މަޖިލީސް އިންތިޚާބު ފަސްކުރަން މަދުބަޔަކު ނަމަވެސް ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭނެކަމެއް ނޫން. މަޖިލީސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުގައި އެ އިންތިޚާބު ބޭއްވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަން” ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް މެޖޯރިޓީ ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޖުމްހޫރީ ޕާޓީއަށް ނެގުމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް އެކަމަނާ ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ، މިހާރު އޮތް ކޯލިޝަން ސަރުކާރު ވުޖޫދުވީ ޖުމްހޫރީ ޕާޓީވެސް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ގިނަ އަދަދެއްގެ މެންބަރުން ތިއްބަވަންޖެހޭ ކަމަށާއި އަންނަ އިންތިހާބުގައި މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ނަގަންޖެހޭ ކަމަށެވެ.