ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ފަހު ވަގުތު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުތަކުން ވިޔަރެއާލް މޮޅުވިޔަ ނުދީ ބާސެލޯނާއިން ޕޮއިންޓެ ހޯދައިފއެވެ.
ސްޕެނިޝް ލީގުގައި ރޭ މި ދެ ޓީމް ކުޅުނު ފޯރިގަދަ މިމެޗު ނިމިފައިވަނީ ދެ ޓީމް 4-4 ލަނޑުން އެއްވަރު ވެގެންނެވެ.
ލީގުގައި މި މެޗުން ލިބުނު ޕޮއިންޓާ އެކު ބާސެލޯނާ އިން ތާވަލުގެ އެއް ވަނައިގައި އޮތީ 70 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ދެ ވަނައިގައި 62 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިދއެވެ.ރޭގެ މެޗުން ތިން ޕޮއިންޓް ނުލިބުމުން ރެލިގޭޝަނުންގެ ބިރު ވިޔަރެއާލް އަށްބޮޑުވެފައިވާއިރު ލީގުގައި ވިޔަރެއާލް މިހާރު އޮތީ30 މެޗުން ލިބުނު 30 ޕޮއިންޓާއެކު 17 ވަނައިގައެވެ. އެޓީމުގެ ފަހަތުން 18 ވަނައިގައި 28 ޕޮއިންޓާއި އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ސެލްޓާ ވީގޯ އެވެ.
ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ފިލިއްޕެ ކުޓީނިއޯ އާއި މެލްކޮމް ކާމިޔާބުކޮށްދިން ލަނޑުތަކުން ބާސެލޯނާ މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް ވިޔަރެއާލް ވަނީ ފަހަތުން އަރައި ހަތަރު ގޯލް ޖަހައި ބާސެލޯނާ ސިއްސުވާލާފައެވެ.
ރޭގެ މެޗުގައި ވިޔަރެއާލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ސެމުއަލް ޝޫކްވުއޭޒޭ ކާމިޔާބުކޮށްދިންއިރު އެ ޓީމްގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގައަވެ.މި ލަނޑުތަށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓޮކޯ އެކަމްބީ އާއި ވިސެންޓޭ އިބޯރާ އަދި ކާލޯސް ބަކާ އެވެ.
ރޭގެ މެޗުން ބާސެލޯނާ ބަލިވާނެ ކަމަށް ބެލެވުނު ނަމަވެސް 86 ވަނަ މިނެޓުގައި ވިޔަރެއާލްގެ އަލްވާރޯ ގޮންޒާލޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުން އެކަމުގެ ފައިދާ ނަގައި ބާސެލޯނާއިންވަނީ ކުޅުން ރަނގަޅު ކޮށް މެޗުގެ 90 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިެއްގެ ގޮތުގައި ކުޅެން ނިކުތް މެސީ އާއި ސުވަރޭޒް ކާމިޔާބު ކުރި ލަނޑުތަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.