English Edition
Dhivehi Edition

ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުންދާ އައްޑޫ ސިޓީ އަކީ ކޮންމެ އިންތިހާބަކާއި ގުޅިގެން ސިޔާސީ މީހުންގެ ލޯ އެންމެ ބޮޑަށް އަމާޒުވާ އެއް ސިޓީއެވެ.އިންތިހާބީ ދުވަސްވަރު ސިޔާސީ އެކިއެކި ފަރާތްތަކުން އައްޑޫ ސިޓީއަށް ތަރައްޤީކުރާނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ އާވާހަކައެއް ނޫނެވެ.

ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތާއި ކުޅިވަރުކުޅޭނެ އެކި އެކި ތަންތަން ހަދައިދޭނެކަމަށާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިނާޔަތްތަކެއް ލިބި ރައްޔަތުންނަށް އުފާވެރި ދިރުއުޅުމެއް ހޯދައިދިނުމަށް ވަމުންދާ ވައުދުގައި ‘ކުޑަކުދިން’ މި ވަނީ ބާކީވެފައެވެ. ނުވަތަ ހަނދާންނައްތާލާފައެވެ. ފަހަރެއްގައި ސިޔާސީ ފަރާތްތަކުން ކުޑަކުދިން ހަނދާންނައްތާލާފައި މިވަނީ އެ ކުދިންގެ ފަރާތުން ސިޔާސީ ފައިދާއެއް އެއްވެސް ބަޔަކަށް ލިބެން ނެތުމުން ކަމުގައި ވެދާނެއެވެ.

އެހެންނަމަވެސް ކަންކަމާއި މެދު ވިސްނާ ކޮންމެ މީހަކަށް މިއީ މިކަންވާންޖެހޭ ގޮތް ނޫންކަމުގައި ގަބޫލުކުރެވޭނެކަން ޔަގީނެވެ. ކުޑަކުދިންގެ ހައްޤުގެ ވާހަކައަކީ ހަމައެކަނި އެ ކުދިންނަށް އިހުމާލުވުމުން ދައްކާ ވާހަކައެއްގެ ގޮތުގައި ހަދާލެވޭކަށްނެތެވެ.ފުޓްސަލް ދަނޑުތަކާއި، ކުޅިވަރު އެރީނާތަކާއި، ޖިމްތައް ހަދައިދާނެކަމަށް ބުނެ މިކަންކަމަށް މަސައްކަތްކުރަމުން ދާ އިރު ކުޑަކުދިން ކުޅެންދާނެ ރަގަޅު ތަނެއް ނުވަތަ ކުދިންނަށް ރައްކާތެރިކަމާއެކު އުޅެވޭނެ ‘ކުޑަކުދިންގެ ޕާކެއް’ މި އައްޑޫ ސިޓީގައި ނެތްކަމީ އެކުދިން މަތިން ‘އިހުމާލުވެފައިވާ’ މިންވަރު ވަރަށް ބޮޑަށް އެގިގެންދާ ކަމެކެވެ.

އައްޑޫ ސިޓީގެ އެއްވެސް ރަށެށްގައި ކުޑަކުދިން ހިތްއުފާކޮށްލުމަށްޓަކައިދާނެ އެއްވެސް ތަނެއް ނެތެވެ. މާކުރީ ޒަމާނެއްގައި ހަދާފައިވާ ޕާކްތައް މި ވަނީ ވިރާނާވެ ފާރުތައް ވެއްޓިފައެވެ. ކައުންސިލްތަކުން ޕާކުތަކުގައި ބެހެއްޓި ކުޑަކުދިންގެ ސާމާނުތައް މިވަނީ އެތަންތަން އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓުމުގެ ސަބަބުން އެއްކޮށް ހަލާކުވެފައެވެ. އެ ތަންތަން މިހާރުވެފައިވަނީ މަދިރިތަކާއި ކަކުނިތައް ދިރިއުޅޭ އެއްޗެހީގެ ގެތަކަށް ބަދަލުވެފައެވެ. ބައެއް އަވަށްތަކުގައި ބަހައްޓާފައިވާ ސަމާންތައް ހަލާކުވެ އެ ތަކެތި މިހާރު ވަނީ ކުދިންނަށް ‘ނުރައްކަލަކަށް’ ވެފައެވެ. ފާރުތަކުގެ ކުލަ ބަދަލުވެ ބައެއް ޕާކުތައް ކުނިގޮނޑުތަކަށްވެފައިވާއިރު މިހާރު އެތަންތަނަކީ ކޮން ތަންތަނެއްކަން ނޭގޭ ވަރުވަނީ ވެފައެވެ.

2014 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު އެ މަސައްކަތް ހަވާލުވި ފަރާތްތަކައް އެ މަސައްކަތް ފެށުނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. އޭރު އެ މަސައްކަތްކުރިއަށް ގެންދިޔަ އިރުވެސް އެކަށީގެންވާ ޕްލޭނެއް ނެތުމުގެ ސަބަބުން އެ އެއްޗެހި ބަހައްޓާފައި ހުރީ އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތަކަށެވެ. ނުވަތަ އެ މަސައްކަތާއި ހަވާލުވި މީހުންނަށް އެންމެ ފަސޭހަ ގޮތަކަށް އެކަން ކޮށްނިންމާލީއެވެ. ނަތީޖާއެއްގެ ގޮތުން އެތަކެތީގެ ބޭނުން ކުޑަކުދިންނަށް އެންމެ އެކަށީގެންވާ ގޮތުގައި ހިފިފައި ނެތްއިރު މިއަދާ ހަމައަށް އައިއިރު އެ އެއްޗެހިތައްވެސްވަނީ ހަލާކުވެފައެވެ.”ހިތަދޫގައި ނެތް ކުޑަކުދިން ގޮވައިގެންދާނެ ޕާކެއް.އެތަންތަން ހީވަނީ ގޮނޑެއްހެން. ދެން މި ދައްކަނީ އަބަދު ކުދިން ގޭގައި ޓީވީ ބަލަން ތިބޭ ވާހަކަ. ފުރަތަމަ އެ ކުދިންނަށްދޭންވާ ހައްޤުތައް ހޯދައިދީފަ މި ވާހަކަދައްކަންވީ ނޫންތޯ” އޭއޯ ނިއުސް އާއި ހިތަދޫ އިން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިއީ އެންމެ މީހެއް ދެމީހެއްގެ ޝަކުވާއެއް ނޫނެވެ. މިއީ މުޅި އައްޑޫ ސިޓީގެ ހުރިހާ ‘މަންމަ’އިންގެ ޝަކުވާއެވެ. އެމީހުންގެ ދަރިން ގޮވައިގެން ހަވީރު ހިނގާލަންދާނެ ތަނެއް އުފާކޮށްލަންދާނެ ޕާކެއް ނެތް ކަމީ އެމީހުންގެ އެންމެ ބޮޑު ޝަކުވާއެވެ. “އަބަދުވެސް މި ދައްކަނީ އައުޓް ޑޯ ޖިމްގެ ވާހަކަ، ފަތާ ޓްރެކްގެ ވާހަކަ. ކޮން އިރަކުތޯ ކުޑަކުދިންގެ ޕާކުތަކުގެ ވާހަކަދައްކާނީ. ކޮންއިރަކުތޯ އެ ތަންހަދައިދީ ކުދިންނަށް ރައްކާތެރި މާހައުލެއްގަ މަޖާކޮށްލުމުގެ ފުރުސަތު ލިބިގެންދާނީ”.މީދޫ އިން ވާހަކަދެއްކި މީހަކު ބުންޏެވެ. ހަގީގަތުގައިވެސް މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ ބޮޑު މައްސަލައެކެވެ.

މާދަމާގެ ޒުވާނުންކަމުގައިވާ މިއަދުގެ ކުޑަކުދިންނަށް އިހުމާލުވެގެން ދޫކޮށްލެވޭކަށް ނެތެވެ. އެކުދިން ކުޅިވަރުކުޅެ އުފާކޮށްލަން ލިބޭ ވަގުތަކީ ހަމައެކަނި ސްކޫލްތަކުގައި ބާއްވާ އިތުރު ހަރަކާތްތަކުން ލިބޭ ވަގުތުކޮޅަށް ހަދާލެވޭކަށްނެތެވެ. އެ ކުދިންގެ ސިކުނޑި ތަރައްޤީކޮށް ދުނިޔެއަށް ލޯ ހުޅުވާލަދީ، ސްކްރީންތަކުން ދުރުކުރުމަށްޓަކައި އެ ކުދިންނާއި އެކަށީގެންވާ ފުރުސަތުތަކެއް ހޯދައިދޭން އެބަޖެހެއެވެ. ކުޑަކުދިންގެ ޕާކުތައް ޒަމާނާ އެއް ގޮތަށް ތަރައްޤީކޮށް އެ ތަންތަނުގެ ބޭނުން އެ ކުދިންނަށް ހިފޭނެ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހެއެވެ. އަދި އެކަމަށް ވަކާލާތުވެސް ކުރަންޖެހެއެވެ.