މިމަހުގެ 6 ވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ބޭނުން ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިގޮތަށް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި އަލީ ވަހީދު ވިދާޅުވީ ސުޕަރ މެޖޯރިޓީއެއް ބޭނުން ނުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރިވާނެ ގިނަ އަދަދެއްގެ މެންބަރުންތަކެއް މަޖިލީހުގައި ތިއްބަވަން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ ދެމަޖިލީހުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަރުކާރަށް ސިމްޕަލް މެޖޯރިޓީއެއް ނުލިބުން ނުވަތަ ސަރުކާރަކަށް ސުޕަ މެޖޯރިޓީއެއް ލިބިގެންދިޔުން ކަމަށެވެ.
“ރާއްޖޭގެ ރައްޔިތުން މި ދެމަޖިލިސް އަޅާ ކިޔުމަށްފަހު ވޯޓު ދެމާ. ދެގޮތަކަށް ދެ މަޖިލިސް ކަންތައް ދިޔައީ. އެމްޑީޕީ ސަރުކާރު ދައުރުގެ މެދުން ދާންޖެހުނު އެންމެ ބޮޑު ސަބަބަކީ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއެއް އެމްޑީޕީއަށް ނުލިބުން. ދެން އައި ރައީސް ޔާމީންގެ ވެރިކަމުގައި އައި މައްސަލައަކީ ސުޕަ މެޖޯރިޓީއެއް ލިބިގެން ދިޔުން.” އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ އެންމެ މުހިއްމު ހިއްސާދާރަކީ ޖުމްހޫރީ ޕާޓީ ކަމަށާއި ސަރުކާރު ކޯލިޝަން ދެމެހެއްޓުމަށްޓަކައި ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބެވުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސްކަމަށް ވާއިރު މަޖިލީހަށް އިންތިހާބު ކުރަންވާނީ ގާބިލު މީހުން ކަމަށެވެ. އަދި ވަކި ޕާޓީއެއްގެ މީހަކަށްވާތީ ކޮންމެހެން ވޯޓުދޭން ނުޖެހޭ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.