English Edition
Dhivehi Edition
ފޮޓޯ: ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިބްރާހިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައި ނުވާތީ އެއްވެސް އިންތިހާބަކާ ނުލާ އެޕާޓީގެ ލީޑަރުކަމުގެ އިތުރު ދައުރަކަށް ޤާސިމް އިންތިޚާބުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ މިމަމހުގެ 24 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޖަލްސާގެ ކުރިން އެޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލިއެވެ. އެހެން ނަމަވެސް ޕާޓީގެ ލީޑަރު ކަމަށް ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައިނުވާތީ ޤާސިމް އެމަގާމަށް ހޮވުނު ކަން ޔަގީންވެފައިވަނީ ޖުމްހޫރީ ޕާޓީގެ އިތުރު މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމަށް ބޭއްވުނު ޖަލްސާގައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތި ނުލެއްވި ނަމަވެސް އެ ޕާޓީގެ ފަސް ނާއިބު ރައީސުން އިންތިހާބު ކުރަންޖެހޭ މަގާމަކަށް 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އޭގެ ތެރޭގައި ޤާސިމްގެ އަނބިކަނބަލުން އަދި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ އިތުރުން އެޕާޓީގެ އިސް ސަފުގައި މިހާރުވެސް ތިއްބެވި ބޭފުޅުން ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށައަޅާ އިސްލާހުތަކަށް ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު މި ކޮންގްރެސްގައި 900 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ހާމަކޮށްފައެވެ.

4 ވަނަ ދައުރަކަށް ޤާސިމް ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިރު އެ ބޭފުޅާއަކީ އެ ޕާޓީ އުފެދުނީއްސުރެވެސް އެ ޕާޓީގެ ލީޑަރެވެ. 03 އޯގަސްޓް 2008 ގައި އުފެދުނު ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 17913 އެވެ.