އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިއުލާން ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.
މި އިންތިޚާބުގައި ވޯޓްލުމާއި،ވޯޓްގުނުމާއި އަދި އިއުލާންކުރުމުގައި ޢަމަލުކުރާ ގޮތްތަކަށް މާބޮޑު ތަފާތު ތަކެއް ގެނެވިފައި ނުވާނެކަމަށާއި، ނަމަވެސް ނަތީޖާ ޢިއުލާން ކުރުމުގައި ދާއިރާތަކުގެ ވަކިވަކި ފޮށިތަކުގެ ނަތީޖާ ޓީވީން ޢިއުލާން ނުކުރުމަށް ވިސްނަވަމުންގެންދަވާ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ. އަދި މިގޮތަށް އިޢުލާން ނުކުރި ކަމުގައިވީނަމަވެސް އިލެކްޝަންގެ ވެބްސައިޓުންނާއި ވޯޓްލާ ސަރަޙައްދުގައި ވަކި ވަކި ފޮށިތަކުގެ ނަތީޖާ ކަރުދާސް ކުރިއެކޭވެސް އެއްގޮތަށް ފެންނަން ހުންނާނެ ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.
އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 87 ދާއިރާ އަށް ވާދަކުރަނީ 395 ކެންޑިޑޭޓުންނެވެ.