19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އައްޑޫމީދޫ ދާއިރާގެ ގޮނޑި 2 ވަނަ ފަހަރަށް ރޮޒެއިނާ އާދަމް (ރޮޒޭ) ކާމިޔާބުކޮށްފިއެވެ.
މީގެ ކުރިންވެސް ދާއިރާގެ ގޮނޑި ފުރުއްވަވަމުން ގެންދެވި ރޮޒޭ މި އިންތިޚާބު ކާމިޔާބު ކުރެއްވެވީ އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތި ލެއްވެވި އަބްދުއްރަޙްމާން އަދި ފަރުހާދު އާއި ވާދަކުރައްވަވައިގެންނެވެ.
އިންތިޚާބުގެ ކުރިން ވެސް ރޮޒޭ ގެ ސަޕޯޓަރުން ބުނެފައިވަނީ އައްޑޫ މީދޫ ދާއިރާއަށް ތަރައްގީ ހޯދައިދެވޭނީ ސަރުކާރުގެ ކެންޑިޑޭޓެއް ކަމަށާއި އެކަމަށް އެންމެ ގާބިލް ބޭފުޅަކީ ރޮޒޭ ކަމަށެވެ. އަދި ދެންވެސް ހޮވާނީ ރޮޒޭކަމަށް ކެމްޕެއިން ތެރޭގައި ވެސް ބުނެފައެވެ.
ރޮޒޭ ފާޙަގަކޮށްލެވެނީ ވޭތުވެދިޔަ ސަރުކާރުގައި އިދިކޮޅު މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުން މަޖިލިހުގައި އަޑު އުފުއްލަވާ ދާއިރާގެ ހައްގުގައި ވަކާލާތު ކުރެއްވެވި ފިސާރި މެމްބަރެއްގެ ގޮތުގައެވެ.
ރޮޒޭ ވިދާޅުވީ އޭރުގެ ސަރުކާރުން އެމްޑީޕީގެ މެމްބަރުން ހުށަހަޅުއްވަވާ އެއްވެސް ކަމެއް ކޮށްދެއްވަވަން ބޭނުން ނުވީ ކަމަށާއި ނިމިގެން މިދާ ދައުރުގައި ދާއިރާއަށް ތަރައްގީ ގެނެސް ނުދެވި އޮތީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫމީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ މިއީ މިދާއިރާގެ ގަދަ 5 އަހަރަށް ވެގެންދާނެ ކަަމަށް ރޮޒޭ ވަނީ ވިދާޅުވެފައެވެ.
އިއްޔެ ނިމިގެން ދިޔަ އިންތިޚާބުގައި އައްޑޫގެ 7 ގޮނޑި ވެސް ކާމިޔާބު ކުރެއްވެވީ އެމްޑީޕީންނެވެ.