ތިމާގެ ސަވާރީ ބާރަށް ދުއްވަނީ މަގު ކުރުކުރުމަށެވެ. މަގު ކުރުވި ވަރަކަށް ދާތަނަކަށް އަވަހަށް ދެވޭނެއެވެ. އެހެންނަމަވެސް ގާނޫނާއި ގަވާއިދު ހުއްދަ ނުކުރާހާ ބާރަށް ދުއްވުމަކީ ނުރައްކާތެރި ކަމެކެވެ.
މަގު ކުރުކުރުމުގެ ނިޔަތުގައިވިޔަސް ބާރަށް ދުއްވައިގެން ތިމާގެ މަރާވެސް ކުރިމަތިލާންޖެހިފައި އެބަހުއްޓެވެ. ނުކުޅެދޭ ހާލަތަށް މީހާ ގޮސްފައި އެބަހުއްޓެވެ.
އައްޑޫ ސިޓީގައި މިއަހަރު ހިނގި އެކްސިޑެންޓުތަކުގައި މިހާތަނަށްވަނީ ދެ މީހަކު މަރުވެފައިވެއެވެ. އެދެ މީހުންވެސް މަރުވެފައިވަނީ އެހެން އުޅަނދެއްގައި ޖެހިގެނެއް ނޫނެވެ. ހަމަ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވި ކޮންމެވެސް ތަނެއްގައި ޖެހިގެންނެވެ.
މުޅި ރާއްޖެއަށް ބެލިކަމަށްވިޔަސް އެންމެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަނީ އައްޑޫ ލިންކުރޯޑުގައެވެ. އެއީ 60 ކިލޯ މީޓަރަށެވެ. އެއަށްވުރެ ބާރަށް އެ މަގުގައި ދުއްވުމަކީ މަނާ ކަމެކެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ހީވެފައި އޮންނަނީ އެމަގުގައި އެއަށްވުރެ މަޑުން ދުއްވައިގެން ނުވާނެ ކަމަށެވެ. އެހެންވެ ބައެއް ފަހަރު 100 ކިލޯމީޓަރަށްވެސް ދުއްވައެވެ. ނުވަތަ އެއަށްވުރެ ބާރަށްވެސް ދުއްވައެވެ.
އެވަރަށް ދުއްވަނީ އެދާތަނަކަށް އަވަހަށް ދާން ކަމަށްވާނަމަ އެ ވިސްނުން ބަދަލު ކުރަން ޖެހެއެވެ. ބާރަށް ދުއްވައިގެން އަވަހަށް ދިޔުމުގެ ބަދަލުގައި މަޑުން ދުއްވައިގެން ރައްކާތެރި ކަމާއެކު އެދާ ތަނަކަށް ދެވުމުން ލިބޭ ހިތްހަމަޖެހުން މާބޮޑެވެ.
އަވަހަށް ތަނަކަށްދާން ބޭނުން ކަމަށްވާނަމަ އަވަހަށް ތައްޔާރުވާށެވެ. ލައިންސަންސް، ހެލްމެޓް އަތުޖައްސާށެވެ. އެދާތަނަކަށް ހަމަޖެހިގެން ދެވޭނެހާ ވަގުތު އޮއްވާ ގެއިން ނުކުންނާށެވެ. މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާށެވެ. ސްޕީޑް ބްރޭކާތައް ހުންނާނެކަން ވިސްނާށެވެ. ސްޕީޑް ލިމިޓް ކުރާށެވެ. މަގުމަތީގައި އެހެން މީހުންވެސް ދުއްވާނެކަން ހަނދާނުގައި ބަހައްޓާށެވެ. ތިމާ ކިތަންމެ ގަވާއިދުން ދުއްވިޔަސް ނުގަވާއިދުން ދުއްވާނެ މީހުންވެސް އުޅެފާނެއެވެ. އެކަމަށްވެސް ސަމާލުވާށެވެ. އެކްސިޑެންޓެއް ކިރިޔާވެސް ވެދާނެހެން ހީވާ ހުރިހާ ކަމަކުން ސަލާމަތްތެރިކަން ހޯދާށެވެ.
ކޮންމެ މީހަކުވެސް ބާރު ސްޕީޑުގައި ދުއްވަނީ ތިމާގެ ފަރިތަކަމާއި، އެކްސިޑެންޓެއް ނުވާނެ ކަމުގެ އިތުބާރާ އެކުގައެވެ. އެހެންނަމަވެސް އެކްސިޑެންޓްވެ ހިތާމަވެރި ހާދިސާއެއް ހިނގާ ހިސާބުން އެ އިތުބާރާއި ފަރިތަކަން އެކޮޅުކޮޅުން ޖެހެއެވެ. މަގުމަތީގެ ގާނޫނާއި ގަވާއިދަށް އަމަލުކުރުމުގެ މުހިންމުކަން ވިސްނެންފަށައެވެ.
އެކްސިޑެންޓުގެ ވާހަކަ ދައްކާއިރު އެންމެ ނުރައްކާތެރި މަގެއްގެ ގޮތުގައި އައްޑޫގައި މިހާރުވެސް ނަންވެފައި އޮންނަނީ ލިންކު ރޯޑެވެ. އެހެންނަމަވެސް އެމަގަށްވުރެ ރަށުތެރޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް މިހާރު މާގިނަ ކަމަށް ފުލުހުންވަނީ މައުލޫމާތު ދެއްވައިފައެވެ.
މިއީ ސަމާލުވާން ވެއްޖެ ކަމަކެވެ. އެކްސިޑެންޓެއް ހިނގާ ކޮންމެ ފަހަރަކު މަރުނުވެދާނެއެވެ. އަނިޔާއެއް ނުވެދާނެއެވެ. ނުކުޅެދޭ މީހަކަށް ނުވެދާނެއެވެ.
އެކްސިޑެންޓްވުމަކީ ލާޒިމް ކަމެއް ނޫނެވެ. ދުއްވާ މީހުން ރަނގަޅަށް ބަލައިގެން ގަވާއިދަށް އަމަލުކުރާ ކަމަށްވާނަމަ އެކްސިޑެންޓު ތަކުގެ ނިސްބަތް ވަރަށް މަދުވާނެއެވެ.
އެކްސިޑެންޓެއްވެ މީހަކަށް އަނިޔާއެއް ނުވަތަ މަރުވުމުން އެކަމުގެ ގެއްލުން ލިބޭނެ ކޮންމެވެސް ބަޔަކު އުޅޭނެއެވެ. އެކަމުގެ ހިތާމަ ކުރާނެ ބަޔަކު އުޅޭނެއެވެ. އަނބި ދަރިންނެވެ. މައިންބަފައިންނެވެ. ތިމާގެ މީހުންނެވެ. ރައްޓެހި ރަހުމަތްތެރިންނެވެ. މި އެންމެނަނަށް ހިތަމައާއި ވޭން ކުރިމަތި ކުރުވައި އަނބިމީހާ ހުވަފަތް ކުރުވައި، ދަރިން ހާލުގައި ޖެހުމަށް ބޭނުންނުވާ ކަމަށްވާނަމަ މަގުމަތީގެ ސަލާމާތާ ރައްކާތެރި ކަމަށް ވިސްނާށެވެ. މަގުމަތީގެ ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރާށެވެ. މަގު ކުރުކުރުމަށް މަރުގާތް ނުކުރާށެވެ.