މި ހިނގާ މާރިޗް މަހުން ފެށިގެން މުޅި ރާއްޖެއަށް ކަރަންޓް ގެ އަގު ހެޔޮކޮށްފައި ވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.
އެކަން އިއުލާން ކުރެއްވީ 100 ދުވަހުގެ ވައުދުތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭ މައުލޫލާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
ރައީސް ވިދާޅުވީ، ކަރަންޓްގެ އަގު ހެޔޮކުރައްވާފައިވަނީ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އަތޮޅުތަކުގެ ރަށްތަކާއި މާލެ އާއި ހުރި ފަރަޤު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ނާއި އަދި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމް ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ތިން ކަމެއް ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ކަނޑައަޅާފައިވާ ޑޮމެސްޓިކް ކެޓެގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑްތަކުގެ އަގުކުރުމުގައި ހުރި ފަރަޤު ނައްތާލެވިފައި ވާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރަށްތަކުގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް ބިލް ކުޑަވެގެން ދާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އަދި ހުރިހާ ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން އަތޮޅުތެރޭގެ ބިޒްނަސް ކެޓެގަރީގެ އަގުތައް އައްޑޫ އާއި ފުވައްމުލަކުގައި ހުރި އަގާ އެއްވަރު ކުރެވިފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިންވަނަ ކަމަކަށް ރައީސް ފާހަނގަ ކުރެއްވީ، ސަރުކާރުން ޑީސަލުން ނަގަމުން އައި ފަސް އިންސައްތަ ޑިއުޓީ ކަނޑާލުމާ ގުޅިގެން ކަރަންޓްގެ އަގަށް އައި ހެޔޮ ބަދަލެވެ. އެގޮތުން ރައީސް ވިދާޅުވީ ހުރިހާ ކަރަންޓް ބިލަކުން ވެސް ފިއުލް ޑިސްކައުންޓެއް ދޭން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ސަބަބުން ހުރިހާ ގޭބިސީތަކާއި ވިޔަފާރިއަށް ވެސް މީގެ ހެޔޮ މަންފާ ލިބިގެން ދާނެ ކަމަށެވެ.
ރައީސް ސޯލިހުވިދާޅުވީ މިހާރު ބޭނުންކުރާ ޑީސަލް ޖެނެރާޓަރުތައް ދޫކޮށް ސޯލަރ ފަދަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭރުން ކަރަންޓުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮ ވެގެން ދާނެ ކަމަށެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.