English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް/ ސ.އަތޮޅު މަދުރަސާ/

އިންޑިއާ ކަނޑުގެ މެދުގައި އޮންނަ އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އަމިއްލަ ޘަޤާފަތަކާއި މިނިވަންކަމެއް އޮންނަ ޤައުމެކެވެ. އެކަކު އަނެކަކާއި މުޚާޠަބުކުރަން ރިވެތި، އަމިއްލަ ބަހެއް ލިބިފައިވާއިރު، މި ބަސް ޙިމާޔަތްކުރުމަށްޓަކައި އެކިއެކި ފަންތިތަކުގައި ދަނީ މަސައްކަތް ކުރެވެމުންނެވެ. ބަސްކޮށާރުގެ ގޮތުން މުއްސަނދި ބަހަކަށް ދިވެހިބަސް ވެފައި އޮތުމަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ސުވާލަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެންމެ ބޮޑު މަސައްކަތްކުރެވޭނެ ފަރާތްތަކަީ ކޮބައި ހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. މަދަރުސާތަކާއި، ބެލެނިވެރިން އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކެވެ. ދަރިވަރުން ޘާނަވީ ތަޢުލީމު އުނގެނެމުން ދާ ދުވަސްވަރަކީ އެކިއެކި ކަންކަމަށް ލޯ ހުޅުވިގެން ދާ ދުވަސްވަރެވެ. ބޭރުގެ ބިދޭސީ ބަސްތަކުން މުޚާޠަބުކުރުން ޢާންމުވެފައިވާ މި ދުވަސްވަރުގައި، މަދަރުސާތަކަށް އަދާކުރެވޭނެ އެންމެ އިސް އެއް ވާޖިބަކީ ދިވެހީންގެ ތަރިކަ، ދިވެހިބަސް ކުރިއެރުވުމެވެ. ކޮންމެ އަހަރަކު 2 ފަހަރު ފާހަގަކޮށްލާ މާދަރީ ބަހުގެ ދުވަހާއި ދިވެހިބަހުގެ ދުވަހުން މިކަމެއް ޙާޞިލެއް ނުވާނެއެވެ.

އަދަބީ ޙަރަކާތްތަކީވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްކަމެވެ. މަދަރުސާތަކުގައި ގިނަގިނައިން އަދަބީ ހަފްތާތައް ބޭއްވި، ދަރިވަރުންނަށް އެ ދަރިވަރުންގެ އަމިއްލަ ބަސް ދެނެގަތުމުގެ ފުރުޞަތު ހޯދައިދޭން ޖެހެއެވެ. އައު ބަސްތަކާމެދު ކުދިން ހޭލުންތެރިކޮށް، އަދާހަމަކުރުމަކީ އެންމެންގެ މަސްޢޫލިއްޔަތެކެެވެ. ހަމައެހެންމެ، މީސްމީޑިއާ ޢާންމުވެފައިވާ މި ޒަމާނުގައި މަދަރުސާތަކުގެ ދަރިވަރުންނަށް ޚާއްޞަ ކުއިޒުތަކާއި ސުވާލުޖަވާބުގެ ޙަރަކާތްތައް ހިންގޭނިކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ކޮންމެއަކަސް، މަދަރުސާތަކަށް އެކަންޏެއް ދިވެހިބަސް ކުރިނޭރުވޭނެއެވެ. މިކަމުގައި ދެން އެންމެ ބޮޑު އެއް ދައުރެއް އަދާކުރެވޭނެ އެއްފަރާތަކީ ޖަމިއްޔާތަކެވެ. ސަރުކާރާއި ވާހަކަދައްކައިގެން އަދަބީ ގިނަ ޙަރަކާތްތައް ބާއްވައި، އެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މުޖުތަމަޢުގެ ޢާންމުންނަށް ހުޅުވައިލެވޭނެއެވެ. މިހާރުވެސް ގިނަ ޖަމްޢިއްޔާތަކުން ދަނީ ބަހުސްފަދަ އަދަބީ ޙަރަކާތްތައް ރާވައި އެ ހިންގަމުންނެވެ. މީގެ ސަބަބުން މީހުންގެ މެދުގައި ދިވެހިބަހަށް ލޯބިޖެހި، ދިވެހިބަހާއިމެދު ފަޚުރުވެރިވާފަދަ ރަންވަނަތައް ޙާޞިލުކުރެވޭނެއެވެ. ހިތާމަޔަކީ އަމިއްލަ ބަހެއް އޮތްވާވެސް ގިނަ މީހުންނަށް ބޭރުގެ ބިދޭސީ އަދި ފަރަންޖީ ބަސްތަކުން ވާހަކަދެއްކުން ގަދަކަމަކަށް ވާތީއެވެ. ދޮންކެޔޮގެ ބަދަލުގައި ބަނާނާއޭ ކިޔައި، ކުކުޅުގެ ބަދަލުގައި ޗިކެން އޭ ކިޔައިގެން ކުރިއެރުވޭނެ އެއްވެސް އެއްޗެއް ނެތެވެ.

ދަރީންގެ ޅަފަތުގައި އެ ދަރިންނަށް އަމިއްލަ ދިވެހިބަސް، ނުވަތަ އަމިއްލަ މާދަރީބަސް ދަސްކޮށްދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. ތިމާގެ ބަހަށް ތިމާ ނެތް ލޯތްބެއް އެހެން ބަޔަކަށް ނޯންނާނެކަން ދަންނަން ޖެހެއެވެ. އަމިއްލަ ޘަޤާފަތަށް އަމިއްލައަށް ނުކުރާ އިޙްތިރާމެއް، އޮޅުދޫކަރައިގެ ބަޔަކު ނުކުރާނެކަން އިނގެންވާނެއެވެ.

ދިވެހިބަހަކީ ތާއަބަދު އަހަރެމެންގެ ބަހަށް ވާނެކަމަށް ގިނަ ރައްޔިތުން އުންމީދުކުރެއެވެ. ބަހަކާއިނުލައި ޘަޤާފަތާއި ތަރިކައެއް ނޯންނާނެއެވެެ. މުނިދަރީންނަށް ކާބަފައިންގެ ބަހަވީ ތަރިކަ ފޯރުކޮށްދެމާ ހެއްޔެވެ!