ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވާދަކުރައްވަވާ ކެންޑިޑޭޓުންގެ ކެމްޕެއިން ސާމާނަށް ގެއްލުންދޭ މައްސަލަ އައްޑޫގައި ބޮޑުވެއްޖެއެވެ.
އެންމެ ގިނައިން ހަލާކުކޮށް ގެއްލުން ދީފައިވަނީ ފޭދޫ ދާއިރާއިން މަޖިލިހަށް ކުރިމަތި ލައްވަވާ ކެންޑިޑޭޓު އަދި މިހާރުގެ ވެސް މެމްބަރު އިބްރާހިމް ދީދީ ގެ ކެމްޕެއިން ޕޯސްޓަރު ތަކާއި ބިލްބޯޑު ތަކަށެވެ. މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިިޑޭޓް ރޮޒެއިނާ އާދަމް ގެ ޕޯސްޓަރު ތަކަށެވެ.
އައިބީގެ ބިލްބޯޑެއް ގައި މީގެ ދެހަފްތާ ކުރިން ކަޓަރު އަޅައި ހަލާކުކޮށްލާފައިވާއިރު މިދިޔަ ހަފްތާގައި ވަނީ އިތުރު ބިލްބޯޑެއްގައި ރޯކޮށްލާފައެވެއެވެ. އަނެއްކާވެސް ރޭގައި އައިބީގެ އިތުރު ބިލްބޯޑެއް ވަނީ ހަލާކުކޮށް ލާފައެވެ.
ރޮޒެއިނާގެ ކެމްޕެއިން ޕޯސްޓަރު ތަކުގައި ވެސް ކަޓަރު އަޅައި ޕޯސްޓަރު ތަކުން ރޮޒޭގެ ބޯ ވަކިކޮށް ބައެއް ޕޯސްޓަރު ތައް އިރާލާފައިވާއިރު ކެމްޕެއިން ގައި މި ދާއިރާތަކުން ވާދަކުރައްވަވާ އެހެން އެއްވެސް ކެންޑިޑޭޓެއްގެ ތަކެއްޗަކަށް އެއްވެސް ގެއްލުމެއް ދީފައެެއް ނުވެއެވެ.
ކެމްޕެއިންގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދީ މިފަދަ އަމަލުތައް ހިންގުމަކީ ގާނޫނީ ކުށެއްކަމަށް ވާއިރު އަދި ފުލުހުންގެ ފަރާތުން އަދި މިފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.