English Edition
Dhivehi Edition
ސަން ފޮޓޯ/ފަޔާޒު މޫސާ

މިހާތަނަށް އެންމެ ހިތާމަ ކުރައްވާ ނިންމެވުމަކީ ޖަލުގައި ހުރި މީހަކު މިނިވަން ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތުގެ 100 ދުވަހާ ގުޅޭ ގޮތުން އޮންލައިން ނޫސް މިހާރަށް މިއަދު ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

“އެއީ، ތަންކޮޅެއް އަވަސްކޮށް ކުރެވުނު ކަމެއް. ޖަލުގައި ހުރި މީހަކު މިނިވަންކުރުން. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑު އެކަން ކުރީ، އަޅުގަނޑަށް ލިބިފައި އޮތް ބާރުގެ ތެރެއިން،” ރައީސް ވިދާޅުވި އެވެ.

ވަކި މީހެއްގެ ނަން ވިދާޅު ނުވެ، ގައިދީއަކު މިނިވަން ކުރެވުމުން ހިތާމަކުރައްވާ ކަމަށް ރައީސް އެ އިޝާރާތް ކުރެއްވީ އެނގިފައިވާ ގޮތުގައި، ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަށެވެ. އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ކަން ކުރެއްވި ހޯރަ އިއްބެ މިނިވަންކުރުމުން ރައީސާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.

ހޯރަ އިއްބެގެ މައްޗަށް އިއްވާފައި އޮތީ ދިހަ އަހަރުގެ ޖަލު ޙުކުމެކެވެ.