ޖުލައި 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވި މުޙައްމަދު އަޒްމީލް ޖަލީލު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަޒްމީލު ބަންދުގައި ބަހައްޓައިގެން ޖުލައި 16 ވަނަ ދުވަހު ޑްރަގް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހައްޔަރު ކުރަން ފުލުހުން ދިއުމުން ފިލަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި އޭނާއަށް ދަނީ ފަރުވާ ދެމުން ނެވެ.
އުމުރުން 38 އަހަރުގެ އަޒްމީލަށް އަނިޔާވި ހާދިސާއާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއް ގައި ވާގޮތުން އޭނާއަށް އަނިޔާވެފައި ވަނީ ޖުލައި 15 ވަނަ ދުވަހު މެންދުރު ފަހު 2:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން ތައްޔާރު ވެގެން އަންނަން ވަގުތުކޮޅެއް ދޭން ބުނުމަށް ފަހު އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުން ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިގެންނެވެ. މި ހާދިސާގައި އޭނާގެ ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަޒްމީލަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ޚިދުމަތުގެ މާލޭ ކަސްޓޯޑިއަލް އަށް ގެންގޮސް އެތަނުގެ މެޑިކަލް އޮފިސަރު ބެއްލެވުމަށް ފަހު އެ ދުވަހުގެ 3:05 ހާއިރު ކަމަށެވެ.
އަޒްމީލު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު އާއިލާގެ ކަންބޮޑުވުން ހުރުމާއެކު، ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.