English Edition
Dhivehi Edition

ނަޒާހަތްތެރިކަމަކީ ދިވެހިބަހުގެ ރީތި ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. އަދި އެބަހުގެ މާނައަކީ އެހާމެ ރީތި އަހްލާގެއްގެ ސިފައެކެވެ. ކޮންމެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ މާތް ސިފައެކެވެ. މީހާގެ ތެދުވެރިކަމާއި ގާބިލްކަން ދައްކައިދޭ ހަމަ އެކަނި ސިފައެވެ.

މިސިފައަކީ ދުލުން ކިޔާލާފައި އަމަލުކުރަން ޖެހުނީމާ ނުބުނާ ބަހަކަށް ނުވަތަ އެބަހުގެ މާނަ އޮޅިފައި އޮންނަ ބަހަކަށް މިއަދު ބަދަލުވެއްޖެއެވެ. ނުވަތަ މިބަސް ބޭނުންކުރެވޭ މުނާސަބަތުތަކަކީ ބައެއްގެ ރުހުން ހޯދަން ވީމާ އެކަނި ބޭނުން ކުރަން ޖެހޭ ބަހަކަށް ވެއްޖެއެވެ. ހާއްސަކޮށް އިންތިހާބު ތަކުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅާ އެވެރިންގެ އަތުން ވޯޓް ދަމައިގަންނަ ޖާދުލަކަށް ވެއްޖެއެވެ.

ނަޒާހަތްތެރިކަމުގެ މާތްކަމާއި، އެކަމުގެ ރީތި ކަމާއި، އެގޮތުގައި ހުރުމަށް ކުރަން ޖެހޭ މަސައްކަތާއި، އަޒުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ. އަދި މާޒީގައި އެސިފަ އެމީހެއްގެ ދިރިއުޅުމުން ދައްކައި ދިނީ ކިތައް މީހުންހެއްޔެވެ. ހަމަ ޔަގީން ކަމާއިއެކު ދަންނަވަން އެނގޭ އެއްކަމަކީ މިސިފައާއި އިދިކޮޅު ވަބައިގައި ނުޖެހޭ މީހަކު ނުހުންނާނެއެވެ. މިހެން މިދަންނަވަން ކެރުނީ އެކަން މިރާއްޖޭގައި އަށަގަނެފައިވާ ވަރު ބޮޑު ކަމުންނެވެ.

ރިޔާސީ އިންތިހާބު ނިމި މަޖިލީސް އިންތިހާބު ބޯމަތި ވެފައިވާއިރު ކޮންމެ ކެންޑިޑޭޓަކުވެސް ވަކާލާތު ކުރަމުން ދަނީ އެ ބޭފުޅެއްގެ ނަޒާހަތްތެރިކަން ހާމަ ކުރުގައެވެ. ޕޯޑިއަމަކަށް ވިޔަސް، ބަހުސް އަކަށް ވިޔަސް ނުވަތަ ކޮޕީ މޭޒުތަކުން ވެސް އިވެނީ ހަމަ މިވާހަކައެވެ. އެއް ކެންޑިޑޭޓަށް ވުރެ އަނެއް ކެނޑިޑޭޓުގެ ނަޒާހަތްތެރިކަން ބޮޑުކަން އަންގައިދިނުމަށް ކުރެވޭ ބަހުސްތަކެވެ. މީގެ ސަބަބުން ހަމަ ގައިމުވެސް ރައްޔިތުން ރުހުން ލިބޭނެކަމަށް ގަބޫލުކުރެވޭތީ އެވެ. އެހެންނަމަވެސް ސުވާލައަކީ ދުލުން ބުނާ ބަހާއި، ފެންނަ ފެނުމާއި ތަފާތު ވާތީ އެވެ.

މާޒީގެ ތާރީހުގައި ބަހަށް ބަރޯސާ ވެގެން ދެވުނު ވޯޓްގެ އަގެއް ނެތީމައެވެ. ތެދުވެރި ވަފާތެރިންކަމަށް ބުނި ފަރާތްތަކަށް ވޯޓް ދީ މަޖިލީހަށް ފޮނުވުމުން ނިކުތް ނަތީޖާ ރަނގަޅު ނުވީމައެވެ. އެމެންބަރުންގެ ފަރާތުން ފެނިގެން ދިޔަ ހަމަ އެކަނި މަންޒަރަކަށް ވީ އަމިއްލަ ޖީބު ފުރާލުމެވެ. މަޖިލީސް ތެރެއިންނާއި ބޭރުން ވެސް މެވެ. ވޯޓު ދިނުމާއި ޕާޓީ ވިއްކާލައިގެންނެވެ. އާއިލާ މީހުންނާއި ތިމާގެ މީހުންނަށް ނުހައްގުން އާމްދަނީ އިތުރުކޮށްދީގެންނެވެ. ނަމަވެސް މީގެ ހެއްވާ މަޖާ ހިސާބަކީ ހަމަ އެމެންބަރ ދެވަނަ ފަހަރަށް ވެސް ‘ނަޒާހަތްތެރި’ ޓެގް އަޅުވައިގެން ރައްޔިތުންގެ ގާތަށް އަންނަ އައުމެވެ. ފަހަރުގައި އެބޭފުޅުން މެންބަރުންނަށް ވުމުން ނަޒާހަތްތެރިކަން މާނަ ކުރަންޖެހޭ ގޮތް ބަދަލުވީ ކަމަށް ވެދާނެއެވެ. ނުވަތަ ރައްޔިތުންނަށް އޭގެ މާނަ އޮޅިފައި އޮތީކަމަށް ވެދާނެއެވެ.

ކޮންމެ ގޮތަކަށްވިޔަސް އެންމެ ގިނަ ވޯޓް ލިބޭ ފަރާތެއް މަޖިލީހަށް ދާނެއެވެ. އެއީ ކިތަންމެ މުއްސަނދި މީހަކަށް ވިޔަސް، އާދައިގެ މީހަކަށްވިޔަސް މައްސަލައެއް ނެތެވެ. އެމަޖިލީހުގެ ތަޅުމުގައި ފުރަތަމަ ފިޔަވަޅު އަޅާ ވަގުތުން ފެށިގެން ހުށަހެޅުންތައް ލިބެން ފަށާނެއެވެ. އޭގައި ނުހިފައި ނަމަ ބާކީވާނެކަމުގެ ބިރު އޮންނާނެއެވެ. އެންމެ ފަހުން ހިފާނެއެވެ. ރައްޔިތު މީހާ އަށް ބޭވަފާތެރިވާނެއެވެ. ކެމްޕޭނުގައި ކުރި ވަޢުދުތައް މަތިން ހަނދާން ނެތޭނެއެވެ. އަވިހަކާއި ޖެހި އަވިހަށް ފާވާހެން ދުވަހަކަށް ފަހު ދުވަހެއް ނުހައްގާއި ދިމާލަށް ގޮސް އެންމެ ފަހުން ވޯޓް ދީފައި ފޮނުވި މީހާ އަކީ ނުވަސް ދަންނަ މީހަކަށް ވާނެއެވެ.

ކަންމިހެން އޮތްނަ އިރު މަޖިލީހަށް ކުރިމަތިލާ ކޮންމެ މީހަކީ ނަޒާހަތްތެރިއެކޭ ކިޔާ ދުންމާރިން ގޮވުމުގެ މާނައެއް ނެތެވެ. އޭގެ ބަދަލުގައި މަޖިލީހަށް މިދަނީ 5 އަހަރުން މުއްސަނދިވާންކަމަށް ބުނެ ރައްޔިތުންގާތު ތެދު ބަސް ބުނެފައި އެމަޖިލީހަށް ދިޔުން މާ އައުލާކަން ބޮޑެވެ.

މަޖިލީހުގައި ނަޒާހަތްތެރި ނުވެވޭނެކަމަށް ހީވާމީހާ ކެމްޕޭނުގައި ނަޒާހަތްތެރިވާނެ ކަމަށް ބުނެ ހަޅޭލެވުމުގެ މާނައެއް ނެތެވެ.